Banner Image Description

ޖަންގަލް ފައިނަލަށް

އިބްރާހިމް ނަޝީދު

މައި ކަޕް 12 ވަނަ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ޖަންގަލް ޓީމު ހޯދައިފިއެވެ. ޖަންގަލް ފައިނަލުން ޖާގަހޯދީ މިއަދު ހަވީރު ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން 9-8 އިން ކުލަބު އިރަމާ ބަލިކޮށްގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުނިމެން އަށްވަރަކަށް މިނެޓަށް ވެފައިވަނިކޮށް ކުލަބު އިރާމާގެ އިސްޙާޤު ޢަބްދުއްސައްތާރު ލަނޑެއްޖަހައި އެޓީމަށް ލީޑު ނަގައިދިނެވެ. މި ލަނޑު އިސްޙާޤު ކާމިޔާބުކުރީ އިރަމާ ޓީމުގެ ކުޅުންތެރިޔަކު ހުސްކޮށްއަރައި ފޮނުވާލި ބޯޅަ ޖަންގަލް ޓީމުގެ ކީޕަރު ގާގައިޖެހިފަ ގޯލު ރޮނގުމަތީ ކަހަލަ ގޮތަކަށް ބޯޅަދަނިކޮށް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ޖަންގަލް އަށް މިޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ދެވަނަ ހާފުގައި އިރަމާ ޓީމުގެ ޕެނަލްޓީ އެރިއާއާ ދިމާލުން ލިބުނު އެއްލުމަކުން އުފެއްދި ހަމަލާއެއްގައި، މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ސާނިއު އެވެ.

މެޗުގައި އިތުރު ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެޓީމަށްވެސްލިބިވަނީ ބޭކާރުވެފައެވެ.

މިއަދުގެ މެޗުން ބަލިވި ނަމަވެސް ކުލަބު އިރަމާއިންވަނީ ޖަންގަލް ޓީމަށް ރަނގަޅު ޗެލެންޖެއް ދީފައެވެ. ފަހުވަގުތާ ހަމައަށް އެޓީމުންވަނީ ފައިނަލުގެ ޖާގައެއް ހޯދުމަށް ހިތްވަރު އެލުވާނުލާ މަސައްކަތްކޮށްފައެވެ. މެޗަށްފަހު ޖަންގަލް ޓީމުގެ ކޯޗު ޙުސައިން ފަޔާޒުވަނީ ކުލަބު އިރަމާއިން ދެއްކި ކުޅުމަށް ތަޢުރީފުކޮށް އެކުޅުންތެރިންނަށް ސެލިއުޓުކުރާ ކަމަށް ބުނެފައެވެ. ކުލަބު އިރަމާގެ ކޯޗު މުޙައްމަދު އަރީބު ޓެގްކޮށް ފަޔާޒު އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ބުނީ ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން ނިކުމެ ދެއްކި ހިތްވަރަކީ އިހަވަންދޫގައި ފުޓުބޯޅައިގެ މުސްތަޤުބަލް އޮތްކަން ދައްކުވައިދިން ނަމޫނާ މަސައްކަތެއްކަމަށެވެ.

މުބާރާތުގެ ފައިނަލްގައި ޖަންގަލްއާ ދެކޮޅަށް ނިކުންނާނީ މިރޭ ކުޅެވޭ މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މާރަނދޫ ޔޫތު ސޮސައިޓީ އަދި އަރާދުވާ ބައްދަލުކޮށް މޮޅުވާ ޓީމެކެވެ.

ޖަންގަލް ޓީމް.. ފޮޓޯ: އޭއެސްޕީ

ޗެމްޕިއަން ޓީމަށް 75000 ރުފިޔާ އަދި ދެވަނަ ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ރެއެވެ.