މައި ކަޕް 12 ވަނަ ފުޓް ބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ ފަހު ދެޖާގަ އަރާދުވާ އަދި މާރަންދޫ ޔޫތު ސޮސައިޓީ ހޯދައިފިއެވެ.
އަރާދުވާއިން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ މިއަދު ހަވީރު 1-0 އިން އެންވީކޭ ބަލިކުރުމަށްފަހުއެވެ. މެޗުގެ ހަމައެކަނި ގޯލު ފެނިފައިވަނީ ފުރަތަމަ ހާފުގައެވެ. ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގޯލު ޖަހާނެ ރަނގަޅު ފުރުޞަތުތައް ދެޓީމަށްލިބިވަނީ ބޭކާރުވެފައެވެ. މިއީ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް އަރާދުވާ ދަތުރުކުރި ދެވަނަ ފަހަރެވެ. އެޓީމުން ސެމީ ފައިނަލްގައި ކުޅުނު ފުރަތަމަ އަހަރު (2016 ވަނަ އަހަރު) މާރަންދޫ ޔޫތު ކޯޕަރޭޝަން އަތުން 2-0 ބަލިވެ މުބާރާތުން ވަނީ ކަޓައިފައެވެ.
މި ފަހަރުވެސް ސެމީ ފައިނަލްގައި އަރާދުވާ ކުރިމަތިލާން ޖެހޭނީ މާރަންދޫގެ ޓީމަކާއެވެ. ސެމީގައި އަރާދުވާއާ ދެކޮޅަށް ނިކުންނާނީ މިރޭ 1-0 އިން މާރަންދޫ ޔޫތު ކޯޕަރޭޝަން ބަލިކޮށް ސެމީގެ ފަހު ޖާގަ ހޯދި މާރަންދޫ ޔޫތު ސޮސައިޓީއެވެ. މިރޭ ކުޅެވުނު މެޗުގެ ހަމައެކަނި ލަނޑު މާރަންދޫ ޔޫތު ސޮސައިޓީން ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީ އަކުންނެވެ.
2013 ވަނަ އަހަރުން ފެށިގެން ކުޅެވުނު މައި ކަޕްގެ ހުރިހާ މުބާރާތެއްގެ ފައިނަލުގައި މާރަންދޫގެ ޓީމެއް ކުޅެފައިވާއިރު މި އަހަރުގެ މުބާރާތުގައިވެސް އެކަން ތަކުރާރު ކުރުމަށް މާރަންދޫ ޔޫތު ސޮސައިޓީން ތިބީ ތައްޔާރަށެވެ. އަދި ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް އަރާދުވާއިން އޮތީ ދޫދޭގޮތަކަށް ނޫނެވެ.
މިމަހުގެ 17 ވަނަ ދުވަހުގެ ރޭ މުބާރާތުގެ ދެވަނަ ސެމީއަށް މިދެޓީމު ނިކުންނައިރު އަރާދުވާއަށް އޮތް އެންމެބޮޑު ހިތްހަމަޖެހުމަކީ ކުޅެގެން މޮޅުވުމަށް ޓީމުގެ ހުރިހާ ކުޅުންތެރިން ދައްކަމުންދާ ހިތްވަރެވެ. އަދި ނަތީޖާ ނެރެންޖެހޭ މެޗުތަކުގައި މާރަންދޫގެ ޓީމުތަކުގެ މައްޗަށް މީގެ ކުރިން ކުރިހޯދާފައިވާ ކޯޗެއް ޓީމުގައި ހުރުމެވެ. އެގޮތުން 2015 ވަނަ އަހަރު ކުޅެވުނު މައި ކަޕް 9 ވަނަ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ހަމްޒާ (އަރާދުވާގެ ކޯޗު) ވަނީ މާރަންދޫ ޔޫތު ސޮސައިޓީ ބަލިކޮށް، އޭރު އޭނާ ކޯޗުކަން ކޮށްދިން ޔުނައިޓެޑް ޔޫތަށް ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި ހޯދައިދީފަ އެވެ. މިމެޗަށް ނިކުންނައިރު މާރަންދޫ ޔޫތު ސޮސައިޓީއަށް އޮތް އެންމެ ބޮޑު ހިތްވަރަކީ މުޅި މާރަންދޫ އެޓީމުގެ ފަހަތުގައި އޮތުމެވެ. އަދި ވޭތުވެދިޔަ 5 އަހަރު މައި ކަޕް މުބާރާތުގެ ފައިނަލުން މާރަންދޫގެ ޓީމެއް ޖާގަ ހޯދާފައިވުމުން އެޓީމުގެ ކޮޅަށް ތާރީހު ބުރަވެއެވެ.