ހއ. އިހަވަންދޫގައި ހުންނަ އާމިނާ ދިޔޯ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް، 2019 ވަނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. މިކަން ބަޖެޓްގައި ހިމަނާފައިވަނީ، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓަށް، ކޮމިޓީ މަރުހަލާގައި ބަޖެޓުގައި އަލަށް ހިމެނީ ޕީއެސްއައިޕީ މަޝްރޫއުއެއްގެ ގޮތުގައެވެ.
އާމިނާ ދިޔޯ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް، ދެ މިލިއަން ރުފިޔާ ހަރަދުކުރުމަށް، 2019 ވަނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވެއެވެ. އައިމިނާ ދިޔޯ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިހަވަންދޫއަށް ވެލައްވާފައިވާ ގިނަ ވަޢުދުތަކުގެ ތެރެއިން ވަޢުދެއްކަން ފާހަގަކުރެވެއެވެ.
އައިމިނާ ދިޔޯ ސިއްހީ މަރުކަޒުގެ އިތުރުންވެސް އިތުރު ހެލްތް ސެންޓަރުތަކެއް ހޮސްޕިޓަލަށް ބަދަލުކުރުމަށް، 2019 ވަނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވެއެވެ. އެގޮތުން 2019 ވަނަ އަހަރަށް ބަޖެޓްކޮށްފައިވަނީ، ނ. ވެލިދޫ ސިއްހީމަރުކަޒާއި ޅ. ހިންނަވަރު، އދ. މާމިގިލި އަދި ގދ. ގައްދޫ ސިއްހީ މަރުކަޒު، ހޮސްޕިޓަލުތަކަށް ބަދަލު ކުރުމަށެވެ.