އިހަވަންދޫ ކައުންސިލުން އެންވަޔަރްމަންޓް މިނިސްޓަރާއި ބައްދަލުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އެންވަޔަރްމަންޓް މިނިސްޓަރު، ޑރ. ހުސައިން ރަޝީދު ހަސަނާއި ބައްދަލުކޮށްފިއެވެ. އެބައްދަލުވުން ބާއްވާފައިވަނީ މިއަދު އެންވަޔަރްމަންޓް މިނިސްޓްރީގައެވެ.

މިބައްދަލުވުމުގައި އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު އާއި ކައުންސިލަރު އަޙްމަދު ރިޞްވާން އަދި އިހަވަންދޫ ދާއިރާގެ މަޖްލިސް މެމްބަރު މުހައްމަދު އަބުދުﷲ ބައިވެރިވިއެވިއިރު އެންވަޔަރްމަންޓް މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޑރ. ހުސައިންގެ އަދި އެމިނިސްޓްރީގެ އިސްވެރިން ބައިވެރިވިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެބައްދަލުވުމުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މަޝްވަރާކުރެވުނީ، އިހަވަންދޫއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމާއި އަދި ނަރުދަމާގެ ނިޒާމްގެ ހޮޅިވަޅުލާފައިވާއިރު، ރަށުގެ އަލަށް އާބާދުވުމަށް ނިންމާފައިވާ ސަރަހައްދުގައި ހޮޅިވަޅުލާފައިނުވާތީ އެސަރަހައްދުގައި ހޮޅިވަޅުލެވޭނެގޮތަކާއި މެދުއެވެ.

މިބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރު އަޙުމަދު ރިޞްވާން ވިދާޅުވީ، ބައްދަލުވުމުގައި އެންވަޔަރްމަންޓް މިނިސްޓަރުގެ ފަރާތުން ލިބުނީ ވަރަށް ހިންހަމަޖެހޭ ޖަވާބުތަކެއްކަމުގައެވެ. އެގޮތުން އިހަވަންދޫގައި މިހާރު ޖަމާވެފައިވާ ކުނި ރަށުން ބޭރުކުރުމާއި ގުޅޭގޮތުންނާއި، ބަޖެޓްގައި ހިމަނައިގެން ކޮނިކޮށި ތަރައްޤީކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށް އެނާ ވިދާޅުވިއެވެ.

އައުސަރުކާރު އެކުލަވާލުމާއިއެކު އިހަވަންދޫ ކައުންސިލުންދަނީ އައު މިނިސްޓަރުންނާއި ބައްދަލުކުރަމުންނެވެ.