Banner Image Description

އައިހެވަން، ދައުލަތުގެ ބަޖެޓުން ގެއްލިއްޖެ!

މުޙައްމަދު އަކުރަމް

އިހަވަންދިއްޕޮޅުގައި ތަރައްޤީކުރުމަށް ނިންމާފައިވާ މެގަ ޕްރޮޖެކްޓް އައިހެވަން މަޝްރޫއު، 2019 ވަނައަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިނުވާކަން ހާމަވެއްޖެއެވެ. އަންނަ އަހަރަށް 30.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު އެބަޖެޓްގައި އައިހެވަންގެ ވާހަކަ ނެތްއިރު، 2018 ވަނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓްގައި އައިހެވަން މަޝްރޫއުއަށް ހަރަދުކުރުމަށް ބަޖެޓްކޮށްފައިވަނީ 0ރ ކަންވެސް ފާހަގަކުރެވެއެވެ.

2018 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓްގައި ވާގޮތުން އައި-ހެވަން ޕްރޮޖެކްޓަށް 2018 ވަނަ އަހަރު އެއްވެސް ހަރަދެއް ކުރުމަށް ނިންމާފައި ނުވާއިރު 2019 ވަނަ އަހަރު 122.4 މިލިއަން އަދި 2020 ވަނައަހަރު 244.9 މިލިއަން ރުފިޔާ އައި-ހެވަން ޕްރޮޖެކްޓަށް ހަރަދު ވާނެކަމަށް ލަފާކޮށްފައިވެއެވެ.

2018 ވަނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުން ބަޖެޓުން 2018 އަންނަ އަހަރު އައި-ހެވަން ޕްރޮޖެކްޓަށް ހަރަދުކުރުމަށް ނިންމާފައި ނުވިނަމަވެސް، 2017 ވަނައަހަރު ހަރަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓްގައި އައި-ހެވަން ޕްރޮޖެކްޓަށް 2018 ވަނަ އަހަރު 104.4 މިލިއަން އަދި 2019 ވަނަ އަހަރު 169 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އަންދާޒާ ކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ 2017 ވަނައަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓްގައި 2017 ވަނައަހަރު އައި-ހެވަން ޕްރޮޖެކްޓަށް 33.8 މިލިއަން ރުފިޔާ ހަރަދުކުރުމަށް ކަނޑައަޅާފައިވެއެވެ.

ވުމާއިއެކު ބަޖެޓުން އައިހެވަން މަޝްރޫއުއަށް ހަރަދުކުރުން ފަސްކުރަމުންގޮސް އެންމެ ފަހުން އެމަޝްރޫއު މިވަނީ ބަޖެޓުން ގެއްލުވާލައިފައެވެ. ނަމަވެސް އައިހެވަން މަށްރޫއަށް ބޮޑެތިހަރަދުތަކެއް ބަޖެޓުން ކޮށްފައިވާކަންވެސް ފާހަގަކުރެވެއެވެ. އެގޮތުން ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ސުރުބާނާ ޖްރޯންގް އެސްޖޭއާ ހަވާލުކޮށްގެން އައިހެވަން މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީއާއި، މާސްޓަރ ޕްލޭން ތައްޔާރުކޮށްފައިވެއެވެ. އަދި ކުރީގެ ރައީސް ޢަބުދުﷲ ޔާމިންވަނީ އައިހެވަންގެ މަޝްރޫއަށް ބިންހިއްކުން ފެށޭނެކަމަށް އެތައް ތާރީޙްތަކެއް ދެއްވާފައެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގެ ފަހުކޮޅު، އައިހެވަންގެ މަޝްރޫއުއަށް ޙާއްސަކޮށްފައިވާ ސަރަހައްދުން ބައެއްރަށްރަށް ވަރުވާއަށް ދޫކުރުމަށް ހުޅުވައިލުމާއި، ބައެއްރައްތަކުގައި ރިސޯޓްހެދުމަށް ހުޅުވައިލުމުން، އައިހެވަންގެ މުސްތަގްބަލާއިމެދު ސުވާލުއުފެދިގެން ދިޔައެވެ.

މަދުވެގެން 14000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ހިންގާ، އެއް ބިލިއަން ޑޮލަރުގެ އައިހެވަން މަޝްރޫއަކީ އިހަވަންދިއްޕޮޅުގައި ޒަމާނީ ބަނދަރެއް ހިމެނޭ ގޮތަށް ބަނދަރުގެ ވިޔަފާރިއަށް ސަޕޯޓު ކުރާ އިތުރު އިންޑަސްޓްރީ ކަމުގައިވާ ވެއާހައުސިން، ޕެކޭޖިން، ޕްރޮސެސިން، މެނިފެކްޗަރިން، އިންޓާނޭޝަނަލް ކްރޫޒް ފެސިލިޓީ އަދި އެއާޕޯޓަކާއި ރިއަލް އެސްޓޭޓްގެ ބައިތައްވެސް ހިމެނޭ ގޮތަށް ތަރައްގީ ކުރަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއަށް އިންޑިއާ އަދި ސައުދީ ފަންޑުން އިންވެސްޓް ކުރަން މީގެ ކުރިން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.