2019 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ މުޅި ދިވެހިރާއްޖެއަށް އުފާވެރިކަން ގެނުވާނެ ބަޖެޓެއްކަމަށް، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ. މުހައްމާ މިހެން ވިދާޅުވީ ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.
މުހައްމާ އިތުރަށް ވިދާޅުވީ، “2019 ވަނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ” ވަކިން ޙާއްސަކޮށް އިހަވަންދޫ ދާއިރާގެ ތިންރަށުގެ (އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ) ރައްޔިތުން ހިނިތުންކުރުވާނެ ޕްރޮޖެކްޓްތަކެއް ހިމެނޭ ފުރިހަމަ ބަޖެޓަކަށް ވެގެންދާނެކަމަށެވެ.
2019 ވަނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން، 13 ނޮވެމްބަރ 2018 ވާ އަންގާރަދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްވަނީ އެޖެންޑަރ ކޮށްފައެވެ. މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ކުރައްވާފައިވާއިރު، އެމަނިކުފާނުގެ ސަރުކާރުން ބޭނުންވާ ގޮތަށް ބަޖެޓު ތައްޔާރު ކުރުމުގެ ފުރުސަތު މި ސަރުކާރުން ވަނީ ދީފަ އެވެ. މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުން ކޮންމެ މާލީ އަހަރެއް ފެށުމުގެ ދެ މަސް ކުރިން ބަޖެޓު ތައްޔާރުކޮށް މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.