"މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ" ހއ. އަތޮޅު ކައުންސިލުން ދެވަނަފަހަރަށް ހޯދައިފި

މުޙައްމަދު އަކުރަމް

އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ހޮވާ “މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑް” ލޯކަލް ކައުންސިލްތަކުގެ ބައިން، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ  އިދާރާ ހާޞިލްކޮށްފިއެވެ. މިއީ ހއ. އަތޮޅު ކައުންސިލުން މިއެވޯޑް ހާސިލްކުރި ދެވަނަ ފަހަރެވެ. 2017 ވަނައަހަރުގެ “މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑް” ވެސްވަނީ އެކައުންސިލުން ހޯދާފައެވެ.

2018 ވަނައަހަރުގެ މައުލޫމާތު ހާމަކުރުމުގެ ރަންވަނައިގެ އެވޯޑު ދިނުމަށް މިމަހުގެ 17 ވަނަދުވަހުގެރޭ ބޭއްވި ހަފުލާގައި މި އެވޯޑް ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި ހަވާލުކޮށްދީފައިވަނީ ޝަރަފުވެރި މެހެމާން އޯޑިޓަރ ޖެނެރަލް އަލްފާޟިލް ހަސަން ޒިޔަތުއެވެ.

މިއަހަރުގެ “މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ އެވޯޑް” ތިން އިދާރާއަކުންވަނީ ހާސިލްކޮށްފައެވެ. އެއީ މިނިވަން މުއައްސަސާގެ ކެޓަގަރީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ލޯކަލް ކައުންސިލްތަކުގެ ކެޓަގަރީން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އަދި ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ޖެންޑާ މިނިސްޓްރީއެވެ.

ރަންވަނައިގެ އިތުރުން އިންފޮމޭޝަން އޮފީހުން ވަނީ މައުލޫމާތު ހާމަކުރަމުންދާ މިންވަރު ބަލައި ދައުލަތުގެ އަށް އިދާރާއެއް އެއްވަނާގައި ދަރަޖަކޮށްފަ އެވެ. އެއީ އޭސީސީ، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާ، އެޓާނީ ޖެނެރަލްގެ އޮފީސް، ވަޒީފާއާބެހޭ ޓްރައިބިއުނަލް، ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ އަދި ޖެންޑާ މިނިސްޓްރީ އެވެ.

އިންފޮމޭޝަން އޮފީހުން ހާމަކޮށްފައިވާގޮތުގައި އެ އެވޯޑު ތައާރަފުކުރުމުގެ މަގުސަދަކީ ގާނޫނުގައިވާ ގޮތުގެ މަތީން ދައުލަތުގެ އެންމެހައި ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމެވެ. އަދި އެ އިދާރާއެއްގެ އަމިއްލަ އިސްނެގުމުގެ މަތީން އެ މައުލޫމާތު ހާމަކުރުމާއި ފެތުރުމަށް ހިތްވަރު ދިނުމަކީ ވެސް އޭގެ އެއް ބޭނުމެވެ. މިއީ މި އެވޯޑު ހަފުލާ ބޭއްވި ތިން ވަނަ ފަހަރެވެ.