ފެނަކަ ކޯޕަރޭޝަނުން އިހަވަންދޫގައި ހިންގާ އިންޖީނުގޭގައި ބޭނުންކުރާ 600 ކިލޯ ވޯޓްގެ ޖަނަރޭޓަރ ސެޓަށް މިދިޔަ ހުކުރު ދުވަހު ދިމާވި މައްސަލަ ހައްލުކޮށް، ރަށަށް ކަރަންޓު ދޭން ފަށައިފިއެވެ.
އިންޖީނުގޭގައި ކަރަންޓު ދިނުމަށްޓަކައި 3 ޖަނަރޭޓަރު ހުންނަ އިރު، ހުކުރުދުވަހުގެރޭ ފަތިހު މައްސަލަ ދިމާވެފައި ވަނީ އިންޖީނުގޭގައި ބޭނުންކުރާ ނަންބަރު އެންމެ ބޮޑު ޖަނަރޭޓަރު ސެޓަށެވެ. އެ ޖެނެރޭޓަރު ސެޓު ހިންގާފަ ހުއްޓާ އޭގެ ޑައިނަމޯގައި ރޯވެ ޖެނެރޭޓަރު ނިވުމުގެ ސަބަބުން ދެން އިންޖީނުގެއިން ކަރަންޓު ދިނުމަށް ބޭނުންކޮށްފައި ވަނީ 350 ކިލޯވޯޓާއި 250 ކިލޯވޯޓުގެ ޖަނަރޭޓަރެވެ. އެ ދެ ޖަނަރޭޓަރުން އިހަވަންދޫގެ ހުރިހާ ގެތަކަށް ކަރަންޓު ފޯރުކޮށް ނެދެވޭތީ އިންޖީނުގެއިން ގެންދިޔައީ ރަށުގެ އެކި ހިސާބުތަކުން ބައެއް ވަގުތު ތަކުގައި 2 ގަޑި އިރަށް ކަރަންޓު ކަނަޑަމުންނެވެ.
ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށްފައި ވަނީ ހއ. ދިއްދޫ އިން ޑައިނަމޯއެއް ގެނެސް އެޖަނަރޭޓަރުގައި އަޅުވައިގެން ނެވެ. ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުގެ އެސިސްޓެންޓު މެނޭޖަރ އަލްފާޟިލް މުޙައްމަދު ސިރާޖު ވިދާޅުވީ މިއަދު ފަތިހު 5:15 ގައި ޖަނަރޭޓަރު ހިންގާ ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.
ޖަނަރޭޓަރަށް މައްސަލަ ދިމާވި ވަގުތުން ފެށިގެން އިހަވަންދޫގެ އެކިއެކި މުވައްސަސާ ތަކާއި ރަށުގެ ރައްޔިތުންގެ ފަރާތުން ދެއްވި އެހީތެރިކާމައި އެއްބާރުލުން ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުން ފާހަގަ ކުރައްވާ ޝުކުރު ދަންނަވައެވެ. ސިރާޖު ވިދާޅުވީ، ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކުރުމުގައި ފެނަކައިގެ މުވައްޒަފުންގެ އިތުރުން ރަށުގެ އާއްމު ފަރުދުންގެ އެހީތެރިކަންވެސް ވަރަށް ބޮަޑަށް ލިބިފައިވާ ކަމަށާއި އެފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.