Banner Image Description

އިންޒާރު ދިނުމަށްފަހު, އެންމެފަހުން ފަޔާޒް މާލެއަށް ބަދަލުކޮށްފި

މުޙައްމަދު އަކުރަމް

އާމިނާ ދިޔޯ ސިއްޙީމަރުކަޒުގައި އެސިސްޓެންޓް ކޮމިއުނިޓީ ހެލްތް އޮފިސަރެއްގެ ވަޒީފާ އަދާކުރަމުންދާ ހުސެއިން ފަޔާޒް މާލެއަށް ބަދަލުކޮށްފިއެވެ. ފަޔާޒް މާލޭއަށް ބަދަލުކުރިކަން އަންގާ އޭނާއަށް ހަވާލުކޮށްފައިވާ ޗިޓްގައި ވާގޮތުން އޭނާ މާލެއަށް  (މިނިސްޓަރީ އޮފް ހެލްތަށް) ރިޕޯޓްކުރަންޖެހެނީ މިއަދުން ފެށިގެންނެވެ.

ފަޔާޒް ވަޒީފާ އަދާކުރާތަން ބަދަލުކޮށްފައިމިވަނީ، ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުންގެ ފަރާތުން އޭނާ ރަށުން (އިހަވަންދޫއިން) ބޭރުކުރާނެކަމުގެ އިންޒާރު ދިނުމަށްފަހުއެވެ. ފަޔާޒްއަށް މިފަދަ އިންޒާރުތައް ދޭންފެށީ، އޭނާގެ އަނބިމީހާގެ އާއިލާގެ މީހުން އިދިކޮޅު ކޯލީޝަނުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ސީދާ ހަރަކާތުގައި ބައިވެރިވާން ފެށުމުންނެވެ.

އެގޮތުން އިދިކޮޅު ކޯލީޝަނުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް މިމަހުގެ 5 ވަނަދުވަހު އިހަވަންދޫއަށް އައުމަށް ހަމަޖެހުމުން، އެބޭފުޅާއަށް މަރުޙަބާކިޔަން ފަޔާޒްގެ އަނބިމީހާގެ އާއިލާގެ މީހުން އެތަނަށް ނުދިއުމަށް 4 ސެޕްޓެމްބަރގައި، ޕީޕީއެމްގެ އެކްޓިވިސްޓަކު ފާޔާޒުގާތުގައިވަނީ އެދިފައެވެ. އެމީހާ ބުނެފައިވަނީ “ރައީސް ޔާމީން ބޭނުމެއްނުވޭ، މުއައްސަސާތަކުގައި ތިބި އެއްވެސް އާއިލާއެއްގެ މީހަކު ނުކުންނާކަށް، ނުކުމެފިއްޔާ ހަމަދާނެ! ރަށުން ބޭރުކޮށްލާނި! ރަށުންބޭރުކުރާނެ” ކަމުގައެވެ. އަދި އެމީހާ ބިރުދައްކަމުން ބުނެފައިވަނީ ރަށުން ބޭރުކުރުމުން ނިކަމެތިވާނެކަމުގައެވެ. އެމްޑީޕީއިން މިދިޔަ ހޮނިހިރު ދުވަހުގެރޭ އިހަވަންދޫގައި ބޭއްވި ކަންމަތީ ޖަލްސާގައި ދެއްކި ރިޕޯޓްގައިވަނީ ފަޔާޒަށް އިންޒާރުދީ ދައްކާފައިވާ ބައެއްވާހަކަތަކުގެ އޯޑިއޯ އާނމުކޮށްފައެވެ. ފަޔާޒަށް އިންޒާރު ދިނީ ކޮންބަޔެއްކަން މިނޫހަށް އެނގުނަސް އަބުރުރައްކާތެރި ކުރުމުގެ ޤާނޫނުގެ ސަބަބުން އެމީހުންގެ މައުލޫމަތު ހާމަކުރެވޭކަށްނެތެވެ. ފަޔާޒަށް ރަށުން ބޭރުކުރާނެ ކަމުގެ ބިރުދެއްކިނަމަވެސް، އޭނާ ބުނެފައިވަނީ އޭނާއަކީ މީހުންނަށް ނުފޫޒް ފޯރުވާ މީހެއްނޫންކަމަށާއި، އެނާގެ އަމބިމީހާގެ އާއިލާ އިބްރާހިމް މުހައްމަދު ސޯލިހަށް މަރުޙަބާކިޔަން ނުކުތުން އޭނާއަށް ނުހުއްޓުވޭނެ ކަމުގައެވެ.

ފަޔާޒަކީ ސިޔާސީ ގޮތުން ހަރަކާތްތެރި މީހެއްނޫނެވެ. އަދި ވަކި ކެނޑިޑޭޓަކަށް އަދި ޕާޓީއަކަށްވެސް ތާއީދުހޯދުމަށް މަސައްކަތްކުރިމީހެއްނޫނެވެ. ފަޔާޒް ފާހަގަ ކުރެވިފައިވަނީ ވަރަށް އިޖްތިމާއީ ހިދުމަތްތެރި މީހެއްގެ ގޮތުގައެވެ. ފުޓްބޯޅަ އާއި އެހެން ކުޅިވަރުތަކުގައި އެހީތެރިވެ އެކަންކަމުގައި ބައިވެރިވެ އެހީތެރިވާ ފަޔާޒް އަބަދުވެސް ފާހަގަކުރެވުނީ ޒުވާނުންނާއި ގުޅުން ރަނގަޅު މީހެއްގެ ގޮތުގައެވެ.

ނަމަވެސް އޭނާ މާލެއަށް ބަދަކުރުމުގެ ޗިޓް ހަވާލުކުރިފަހުން، އެމްޑީޕީއިން މިދިޔަ ހޮނިހިރު ދުވަހުގެރޭ އިހަވަންދޫގައި ބޭއްވި ކަންމަތީ ޖަލްސާގައި ބައިވެރިވެ، އިދިކޮޅު ކޯލީޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. އެޖަލްސާގައި ފަޔާޒް ބުނެފައިވަނީ އޭނާއަށް ސިޔާސީ ޕޯޑިއަމްއަކަށް އަރަން މަޖްބޫރުކުރުވީ “އެމީހުން” ކަމުގައެވެ. އަދި އޭނާ ފާހަގަކުރި ގޮތުގައި އެއީ “އެމީހުން” ބައިކޮޅަކަށް ޖެހި ގޯލެކެވެ.

އިބޫގެ ދަތުރުފުޅާ ދިމާކޮށް، މަރުޙަބާކިޔަން ނުކުތް ފަރާތްތައް ހުއްޓުވުމަށް ތަފާތު ނުފޫޒް ޕީޕީއެމްގެ އެކްޓިވިސްޓުން ފޯރުވާފައިވެއެވެ. އެގޮތުން، އާއިލާގެ އެއްވެސް މީހަކު އިބޫއަށް މަރުހަބާ ކިޔުމަށް ނުކުމެއްޖެނަމަ އެންސްޕާ އަދި އާސަންދަ ފަދަ އިޖްތިމާއީ ރައްކާތެރިކަމުގެ ހިދުމަތްތަކުން މަޙުރޫމްކުރާނެ ކަމުގެ ބިރާއި، ވަޒީފާއިން ވަކިކުރުމާއި އަދި ވަޒީފާ އަދާކުރާތަން ބަދަލުކުރާނެކަމުގެ އިންޒާރު ދީފައިވާކަން އެނގިފައިވެއެވެ. ބެލެވޭގޮތުގައި މިހާރު ކުރިޔަށް މިދަނީ އެކަންކަން ތަންފީޒްކުރުމުގެ މަރުހަލާއެވެ.