މިދިޔަ މަހު އިހަވަންދޫގެ އެންމެ ބޮޑު ދެ މިސްކިތުގެ ކަރަންޓް ބިލަށް 0 ރުފިޔާ

މުޙައްމަދު އަކުރަމް

އިހަވަންދޫގައި ހުކުރުނަމާދުކުރާ 4 މިސްކިތުގައި، އިރުގެ އަވިން ކަރަންޓް އުފައްދާ ސޯލާ ޕެނަލް ހަރުކުރުމަށް ހިންގުނު ޕްރޮޖެކްޓަކީ ވަރަށް ކާމިޔާބު ޕްރޮޖެކްޓެއްކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވެއްޖެއެވެ.

މިސްކިތުގައި ސޯލާ ޕެނަލް ހުރުކުރުމަށް ހިންގުނު ފްރޮޖެކްޓްގެ ނަތީޖާއާއި ބެހޭގޮތުން މިނޫހުންކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސޮބާހް ވިދާޅުވީ، މިދިޔަމަހު އިހަވަންދޫގެ އެންމެ ބޮޑު 2 މިސްކިއްކަމަށްވާ މަސްޖިދުއް ތައުބާ އަދި ތައާވުންގެ ކަރަންޓް ބިލަށް އެރީ 0 ރުފިޔާކަމުގައެވެ. ޖުމްލަ ގޮތެއްގައި ސޯލާ ޕެނަލް ހަރުކޮށްފައިވާ ބޮޑު 4 މިސްކިތުގެ ކަރަންޓަށްކުރާ ހޭދަ %95 ކުޑަ ވެފައިވާ ކަމަށް ސޮބާހް ވިދާޅުވިއެވެ. ސޮބާހް ވިދާޅުވީ ބައެއް މަސްމަހު ބައެއް މިސްކިއްތަކުގައި ބޭނުންކުރާ ކަރަންޓަށްވުރެ ސޯލާ ޕެނަލުން އުފައްދާ ކަރަންޓް އިތުރުވާކަމުގައެވެ.

އިހަވަންދޫގެ ބޮޑު ހަތަރު މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް، އިހަވަންދޫ ކައުންސިލުން ކުރިޔަށް ގެންގޮސްފައިވަނީ ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްގެންނެވެ. މިމަސައްކަތަށް ކައުންސިލުން 899،602.39ރ ހަރަދު ކޮށްފައިވާއިރު ކައުންސިލްގެ ވިސްނުމަކީ ކުރިން ކައުންސިލްގެ ބަޖެޓުން އަހަރަކު 1.2 މިލިއަން ރުފިޔާ މިސްކިތްތަކުގެ ކަރަންޓަށް ހަރަދުކުރަންޖެހޭޖެހުން ނިމުމަކަށް ގެނައުމެވެ.

މިމަޝްރޫއުގެ ދަށުން ސޯލާ ޕެނަލް ހަރުކޮށްފައިވަނީ އިހަވަންދޫގައި ހުކުރު ނަމާދުކުރާ ހަތަރު މިސްކިތްކަމަށްވާ ތައުބާ، ތައާވުން، ނަސްރު އަދި އަބޫބަކުރު މިސްކިތުގައެވެ.