Banner Image Description

"އާމިނާ ދިޔޯ ސިއްޙީމަރުކަޒު" ގެ ނަން ރަސްމީކޮށް ބޭނުންކުރަން ފަށައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ސިއްހީ މަރުކަޒުގެ ނަން ” އާމިނާ ދިޔޯ ސިއްޙީމަރުކަޒު” ގެ ނަމަށް ބަދަލުކޮށް އެނަން ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ. ރަމީކޮށް ” އާމިނާ ދިޔޯ ސިއްޙީމަރުކަޒު” ނަން ބޭނުން ކުރަން ފަށާފައިވަނީ އިއްޔައިން ފެށިގެންނެވެ.

އިހަވަންދޫ ސިއްހީ މަރުކަޒުގެ ނަން ” އާމިނާ ދިޔޯ ސިއްޙީމަރުކަޒު” ގެ ނަމަށް ބަދަލުކޮށް އެކަން އިއުލާންކޮށްދެއްވީ، މިދިޔަ ޖުލައި މަހުގެ 17 ވަނަދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. ރައީސް އިހަވަންދޫގެ ރައްޔިތުންނާއި މުހާތަބުކުރައްވައި އެދުވަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިހަވަންދޫގެ ރައްޔިތުން އިހަވަންދޫ ސިއްޙީމަރުކަޒަށް ހަނދާނީ ނަންފުޅެއް ދެއްވަން ބޭނުންވާކަން އެނގިލައްވާފައިވާ ކަމުގައެވެ. “އާދެ މިރަށަކީ ޝައްކެއްވެސް ނެތްގޮތުގައި، މުހައްމަދު ތަކުރުފާނާއި ހަސަންތަކުރުފާނުގެ މަންމާފުޅު އާމިނާ ތަކުރުފާނު އުފަންކުރިރަށް، ތިބޭފުޅުންގެ ފަހުރެއް! ތިބޭފުޅުންގެ ޝަރަފެއް! މުޅި ދިވެހި ރައްޔިތުންގެ ޝަރަފެއް!” ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ އެ ޝަރަފަށްޓަކައި ރައްޔިތުންގެ އެދުމާއި އެއްގޮތަށް، އެދުވަހުން ފެށިގެން އިހަވަންދޫ ސިއްޙީމަރުކަޒަކީ އާމިނާތަކުރުފާނުގެ ހަނދާނުގެ ސިއްޙީމަރުކަޒުކަމަށް ސަރުކާރުން ނިންމާފައިވާ ކަމުގައެވެ.

“އައިމިނާ ތަކުރުފާނުގެ ހަނދާނީ ޞިއްޙީ މަރުކަޒު” ގެ ނަމަށް އިހަވަންދޫ ޞިއްޙީމަރުކަޒުގެ ނަން ބަދަލުކުރެއްވިކަން ރައީސް ޔާމީން 17 ޖުލައިގައި އިޢުލާން ކުރެއްވިނަމަވެސް، އިއްޔަ ރަސްމީކޮށް އެމަރުކަޒުގެ ނަމުގެ ގޮތުގައި ބޭނުންކުރުމަށް ފަށާފައިވަނީ “އާމިނާ ދިޔޯ ސިއްޙީމަރުކަޒު” އެވެ.

އިހަވަންދޫގައި ސިއްޙީ ހިދުމަތް ފުރަތަމަ ފަށައިގަތީ 1 ޖޫން 1979 ގައި  އިހަވަންދޫ އޮފީސް އޭރު ހިންގި އިމާރާތުގައެވެ. ޔުނިސެފްގެ އެހީގައި ބިނާކުރެވުނު އަންހެނުންގެ މަރުކަޒުން 23 މެއި 1995 ގައި އިހަވަންދޫއަށް ސިއްޙީ ހިދުމަތް ދޭންފެށިއެވެ. އިހަވަންދޫ ޞިއްޙީމަރުކަޒުގެ ޙިދުމަތް ދޭންފެށީ 1 މާރިޗް 2004 ގައެވެ. އަދި އިހަވަންދޫ ޞިއްޙީމަރުކަޒު ލެވެލް 3 ގެ ސައުވީސް ގަޑީއިރު ޙިދުމަތްދޭ ތަނަކަށް ބަދަލުކުރީ 12 ނޮވެމްބަރު 2007 ގައެވެ.