އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބަށް، ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރި މީހުންގެ ތެރެއިން މައުލޫމާތުގެ ސައްހަ ކަން ކަށަވަރު ނުވާތީ ބާތިލްކުރި 5،626 ފޯމުގެ ތެރޭގައި އިހަވަންދޫއަށް ނިސްބަތްވާ 20 މީހެއްގެ ފޯމް ހިމެނޭކަން އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މައުލޫމާތުން ހާމަވެއްޖެއެވެ.
ފޯމުގައިވާ މައުލޫމާތު ސައްހަ ނުވި 5626 މީހުން އަލުން ރީ-ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލައި އަދި އެ މީހުންގެ އައިޑީކާޑުގެ ނަމްބަރު ހިމެނޭ ގޮތަށް ނަމާއި އެޑްރެސް ހިމެނޭ ލިސްޓެއް އީސީގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަންގެ އިއުލާންގައިވާ ގޮތުން، ބާތިލްކުރި ފޯމުތައް ރައްދުވާ މީހުން އަލުން ރީ-ރަޖިސްޓަރީ ވުމަށްޓަކައި ވަނީ ތިން ދުވަހުގެ ފުރުސަތެއް ދީފަ އެވެ. އެއީ މާދަމާއިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. ފޯމު ދޫކުރުމާއި ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ. މާލޭގައި ނަމަ ފޯމު ބަލައިގަންނާނީ އިންތިޚާބާ ބެހޭ މައި މަރުކަޒު (ބާ ޖަމާލުއްދީން ސްކޫލް) އަށެވެ. ރަށްރަށުގައި ނަމަ ފޯމު ދޫކުރުމާއި ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލްތަކަށެވެ.