Banner Image Description

އަދުނާނު ކަތީބު އިބޫއަށް ތާއީދުކުރައްވަން ނިންމަވައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ބޮޑުކަތީބުކަމާއި، ދައުލަތުގެ އިސްމަޤާމް ތަކެއް އަދާކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ އިހަވަންދޫ ކުދިމާގެ އަދުނާނު އަބުދުﷲ، އަންނަ މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ. އަދުނާ މިކަން ހާމަކުރެއްވީ ރޭ އިދިކޮޅު ކޯލިޝަނުން، އިހަވަންދޫ އޭމްޑީޕީ މައި ހަރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

އެކަން ހާމަކުރައްވައި އެބޭފުޅާ ދެއްކެވި ވާހަކާގައި ފާހަގަކުރެއްވި ގޮތިގައި އެބޭފުޅާގެ ނިންމުން އެގޮތަށް އައީ ކުރީގެ ރައީސް އުސްތާޒް މައުމޫން އަބުދުލް ޤައްޔޫމާށް ޖައްސާފައިވާ ދަތި އުނދަގޫ ހާލުގެ ސަބަބުން ކަމުގައެވެ. އަދި އެބޭފުޅާގެ ޙިދުމަތުގެ ބޮޑުބައެއް ހޭދަކުރެއްވީ ރައީސް މައުމޫނުގެ ވެރިކަމުގައި ކަމުން އެމަނިކުފާނުގެ ސިޔާސަތުތަކަށް އިންތިހާއަށް ލޯބިކުރައްވާ ކަންވެސް އަދުނާނު ފާހަގަކުރެއްވިއެވެ.

އަދުނާނު، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއީދުކުރައްވަން ނިންމަވާފައިވާއިރު އިހަވަންދޫ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސް މުހައްމަދު އާސިފްވެސްވަނީ އިބޫ އަށް ތާއީދު ކުރެއްވުމަށް ނިންމަވާފައެވެ.