އަނެއްކާވެސް އިހަވަންދޫއިން ގެވަޅުދޫކުރުމަށް އިއުލާންކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫން ދިރިއުޅުމަށް ބަންޑަރަގޯތި ބޭނުންވާފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި އިއުލާންކޮށްފިއެވެ. މިމަހުގެ 16 ވީ ބުރާސްފަތިދުވަހު އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ވާގޮތުން ގޯއްޗަށް އެދެން ބޭނުންވާ ފަރާތްތަކުން، ގޯއްޗަށްއެދޭ ފޯމް ފުރައި އަންނަ ސެޕްޓެމްބަރ މަހުގެ 12 ހޯމަ ދުވަހުގެ 14:00ގެ ކުރިން އެއިދާރާއަށް ހުށައަޅަންޖެހެއެވެ.

ކައުންސިލްގެ އިޢުލާނުގައިވާ ގޮތުގައި ގޯއްޗަށް އެދޭ ފޯމް ލިބޭނީ، ގޯއްޗަށް އެދޭމީހާ ނުވަތަ އޭނާގެ ބަދަލުގައި ފޮނުއްވާ މީހަކު އެއިދާރާއަށް ދިއުމުންނެވެ. އަދި  ބަދަލުގައި މީހަކު ފޮނުއްވާނަމަ ފޯމާ ހަވާލުވުމަށް ފޮނުވާމީހާގެ ނަމާއި، އެޑްރެސް، އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު އެނގޭނޭ ފަދަ ސިޓީއެއް ފޮނުވުމަށްވެސް އެއިޢުލާނުގައި ވެއެވެ. އަދި ގޯއްޗަށް އެދޭ ފޯމު ދޫކުރުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން 12:00 އަށް އޮންނަ އިރު، ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ދުވަސްތަކުގެ މެންދުރުފަހު 12:00 ން 14:00 އަށެވެ. ގޯއްޗަށް އެދޭ ފޯމް ދޫކުރަން ފެށުމަށް ހަމަޖެހިފައިވަނީ 26 އޯގަސްޓް 2018 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ.

ކައުންސިލް އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިފަހަރު ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ނޫރާނީމަގުގެ ހުޅަނގުކޮޅު ދެކުނުން، ކަތީބު ކަލޭފާނުމަގުގެ ހުޅަނގުން އޮތް ސަރަޙައްދުންނާއި ކަތީބު ކަލޭފާނުމަގުގެ އިރުން ޒިޔާރަތްމަގުގެ ދެކުނުން އޮތް ސަރަޙައްދުންނާއި ރާދަހިނގުން ( ކުޅިމަގު ) އުތުރުން އޮތް ސަރަޙައްދުންނެވެ. ކުރީ ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ދޫކުރުމަށް ހަމަޖައްސާފައި ވަނީ 100 ގޯއްޗެވެ. އަދި މިފަހަރުވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުން އިހަވަންދޫން ގޯތި ދޫކޮށްފައިވާ ބޮޑުމިން ކަމަށްވާ 1600 އަކަފޫޓުގެ ގޯއްޗެވެ.