ދެވަނަ ދައުރަކަށް އިންތިހާބު ކޮށްފިނަމަ އިހަވަންދޫގެ ބިންހިއްކަނީ!

މުޙައްމަދު އަކުރަމް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްފިނަމަ، އިހަވަންދޫގެ ބިން ހިއްކަވާނެކަމުގެ އިޝާރާތެއް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. މިނިސްޓަރ މުއިޒް އެމޭރުމުން ވާހަކަފުޅު ދެއްކެވީ ރޭ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

މިނިސްޓަރ މުއީޒް ވިދާޅުވީ ރައީސް ޔާމީންގެ ވިސްނުންފުޅަކީ ދެވަނަ ދައުރަކަށް އެމަނިކުފާނު އިންތިޚާބު ކުރައްވައިފިނަމަ ދެވަނަ ދައުރުގެ ކުރީކޮޅު ބިމުގެ ދަތިކަން ދިމާވެފައިވާ ރަށްރަށުގައި ބިންހިއްކުމުގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދުވުން ކަމަށެވެ. އެގޮތުން އިހަވަންދޫއަކީ ވަރަށް ބޮޑު އާބާދީއެއް އޮތް ބިން ހުސްވެފައި އޮތް ރަށެއްކަން ފާހަގަކުރައްވައި،  އިހަވަންދޫއިން ގޯތި ދޫކުރާ ކަމަށްވާނަމަ ބިން އިތުރުކޮށްގެން ނޫނީ ތަރައްޤީއަށް އިތުރު ފުރުޞަތެއް ނެތްކަން މިނިސްޓަރ މުއިޒް ފާހަގަކުރެއްވިއެވެ. “އެހެންވީމަ ރައީސް ޔާމީން ނިންމަވާފައި ވަނީ ދެވަނަ ދައުރުގެ ފުރަތަމަ އަހަރުގެ ކުރީކޮޅު އިހަވަންދޫގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ ބިމުގެ މައްސަލަ ޙައްލު ކޮށްދެއްވުމަށްޓަކައި އިހަވަންދޫއާ އެކުގައި އިހަވަންދޫ ފަޅު ތެރެއިން އިހަވަންދޫގެ ބިން އިތުރު ކޮށްދެއްވުމަށް ބިން ހިއްކުމުގެ ބޮޑު މަޝްރޫޢުއެއް ހިންގެވުމަށް” މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

61.90 ހެކްޓަރުގެ އިހަވަންދޫގައި 3300 އެއްހާމީހުންގެ އާބާދީއެއް އޮވެއެވެ.