އިހަވަންދޫން ގޯތި ލިބުނު ފަރާތްތަކަށް ލިޔުން ދޫކުރަން ފަށައިފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ލިބުނު ކަމުގެ ލިޔުން ދޫކުރަން ފަށައިފި އެވެ.

އިހަވަންދޫ ކައުންސިލްގެ ނަންބަރު: IUL)248-CAA/248/2016/85)  އޯގަސްޓް 10، 2016 އިގެ އިއުލާނާ ގުޅިގެން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ހޯދުމަށް 401  ފަރާތުން ކުރިމަތިލާފައިވާއިރު މިފަހަރު ގޯތި ލިބޭނީ 100 ފަރާތަކަށެވެ.

އިހަވަންދޫ ކައުންސިލްގެ ސީނިޔަރ ފައިނޭންސް އޮފިސަރ ޢަބުދުﷲ ސަމީރު، މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 100 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު ގޯތި ލިބޭ 99 ފަރާތެއް ކަށަވަރުވެފައިވާ ކަމަށާއި އެފަރާތްތަކަށް މިއަދު ކައުންސިލުން ލިޔުން ދޫކުރާނެ ކަމަށެވެ. ޕޮއިންޓު އެއްވަރު ވުމުގެ ސަބަބުން ގޯތި ލިބޭ 100 ވަނަ ފަރާތެއް ހޮވަން ޖެހެނީ ގުރުއަތުން ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

އިހަވަންދޫން ދިރިއުޅުމަށްޓަކައި ގޯތި ބޭނުންވާ ފަރާތްތަކަށް 2016 ވަނަ އަހަރު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާއްމު ކޮށްފައި ވަނީ މިއަހަރުގެ އޭޕުރީލް މަހުގެ 30 ވީ ހޯމަ ދުވަހު އެވެ. ގޯތިތައް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓު އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށް ފަހުގައި ކަމަށް އިހަވަންދޫ ކައުންސިލުން އެދުވަހު ކުރި އިޢުލާނުގައި ވެއެވެ. ނަމަވެސް ގޯތި ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން މިއަދު ދޫކުރަން ފެށުމާ ހަމައަށް، ގޯތި ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓެއް އިހަވަންދޫ ކައުންސިލުން އާއްމުކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ.

މިކަމާގުޅިގެން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އިހަވަންދޫ ކައުންސިލްގެ ސީނިޔަރ ފައިނޭންސް އޮފިސަރ ޢަބުދުﷲ ސަމީރު، ވިދާޅުވީ ލިޔުން ދޫކުރަން ފަށާފައި އެވަނީ ފައިނަލް ލިސްޓު އާއްމު ނުކުރި ނަމަވެސް ގޯތި ދިނުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ތީ ކަމަށެވެ.