އިހަވަންދޫން އިތުރު 100 ގޯތި ދިނުމުގެ ހުއްދަ ދީފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫން އިތުރު 100 ގޯތި ދިނުމަށް މޯލްޑިވެސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ހުއްދަ ދެއްވައިފިއެވެ.

އިހަވަންދޫ ކައުންސިލްގެ ސީނިޔަރ ފައިނޭންސް އޮފިސަރ ޢަބުދުﷲ ސަމީރު، މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ހުއްދަ ދިނުމާއި ގުޅިގެން މިހާރު ވަނީ ގޯތި ދިނުމުގެ މަސައްކަތަށް ކޮމެޓީއެއް އެކުލަވާލާފަ ކަމަށެވެ. އެކޮމެޓީން، ގޯއްޗަށް ކުރިމަތިލެވޭ ޝަރުތު ތަކާ، ގޯއްޗަށް އެދި ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓު ދޭނޭ އުސޫލާއި މިފަދަ ކަންތައްތައް ކަނޑައަޅާ ފާސްކުރާނެ ކަމަށެވެ.

އަލަށް ހުއްދަ މިލިބުނު 100 ގޯއްޗަށް ކުރިމަތި ލުމަށް ހުޅުވާލާނެ ތާރީހަކާއި ގުޅޭގޮތުން ސަމީރު ވިދާޅުވީ، ގޯއްޗަށް ކުރިމަތި ލުމަށް ފުރުސަތު ހުޅުވާލާނީ ކޮމެޓީގެ މަސައްކަތް ކުރެވި ޕޮއިންޓް ދިނުމުގެ އުސޫލާއި ޝަރުތުތަށް ކޮމެޓީން ފާސްކުރުމުން އެ އުސޫލުތައް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އަށް ފޮނުވާ، އެ އޮތޯރިޓީން އެ އުސޫލުތައް ފާސް ކުރުމުން ކަމަށެވެ. ކޮމެޓީގެ މަސައްކަތްތައް ނިންމާ މިފެށޭ ހަފުތާގައި ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އަށް ފޮނުވޭނެ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.