މިފަހަރުގެ ޢީދުނަމާދު ބޮޑު ޖަމާޢަތެއްގައި

ޙުސައިން ރީޙާން

އިހަވަންދޫގައި މިއަހަރުގެ އަޟްޙާ ޢީދުނަމާދު ބޮޑު ޖަމާޢަތެއްގައި ކުރުމަށް ހަމަޖެހިފައިވާކަމަށް އިހަވަންދޫ ކައުންސިލް އިދާރާއިން އިޢުލާނު ކޮށްފިއެވެ. އިހަވަންދޫ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އަލްފާޟިލް މުޙައްމަދު އިބުރާހީމް ސޮއިކުރައްވައި ނެރެފައިވާ އެއިދާރާގެ އިޢުލާނެއްގައި ބުނެފައިވާގޮތުން މިއަހަރުގެ އަޟްޙާ ޢީދުނަމާދުގެ ބޮޑު ޖަމާޢަތް އޮންނާނީ ހުރަވީ ފުޓުބޯޅަ ދަނޑުގައެވެ. މީގެ އިތުރުން މަސްޖިދުއް ތަޢުބާގައިވެސް ޢީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ އިޢުލާނުގައި ވެއެވެ.

ޢީދު ނަމާދަށްފަހު ޢީދު ސަލާމްކުރުމާއި، އުޟްޙިޔާ ކަތިލުމުގެ އިތުރުން ބޮނޑި ބަތް ފަރިއްކޮޅެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާކަމަށް އެ އިޢުލާނުގައި ވެއެވެ.

އެ އިޢުލާނުގައި މިފަދަ ކަންކަމަކީ އިސްލާމީ އަޚްވަންތަކަމާއި، މުސްލިމުންގެ އާރާއި ބާރާއި، އެކުވެރިކަމާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އެކަންކަމާއި ގުޅޭ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވައި އެކަންކަމުގައި އެހީތެރިވާން ބޭނުންވާ ފަރާތްތަކުން 16 އޮގަސްޓް 2018 ވަނަ ދުވަހު އެއިދާރާ ބަންދުކުރުމުގެ ކުރިން، އެކަމަށް ދެއްވައި އެހީއެއް އެއިދާރާއަށް ހަވާލުކޮށް ދިނުމަށްވެސް އެއިދާރާއިންވަނީ އެދިފައެވެ.

 ޢީދުނަމާދު ބޮޑު ޖަމާޢަތުގައި ކުރުމަކީ ސުންނަތެއްކަމަށް ޢިލްމުވެރިން ފާހަގަ ކުރައްވައެވެ. ވީމާ މިކަމުގައި ބައިވެރިވުމާއި މިކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެދެވިގެންވާ ކެމެކެވެ.