Banner Image Description

އިންޓަރހައުސް ފުޓްބޯޅަ މުބާރާތް: ޗެމްޕިއަން ޓީމް ނިރޮޅު ހައުސް

ޢަބުދުﷲ ޙަމީދު

އިހަވަންދޫ ސްކޫލުގެ ހަތަރު ހައުސްކަމަށްވާ ހިރުނދު، ބުރެވި، ނިރޮޅު އަދި ކުރެދި ހައުސްގެ ފިރިހެން ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އިންޓަރހައުސް 27 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނިރޮޅު ހައުސް ހޯދައިފިއެވެ.

އޯގަސްޓު 2 ން 5 އަށް އިހަވަންދޫ ޣާޒީ ދަނޑުގައި ކުރިއަށް ގެންދިޔަ މި މުބާރާތް ނިރޮޅު ހައުސް ކާމިޔާބުކުރީ މިއަދު ހަވީރު ކުޅެވުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 ން ދެ ޓީމު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 5-6 ން ހިރުނދު ހައުސް ބަލިކޮށްގެންނެވެ.

އިންޓަރހައުސް 27 ވަނަ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނިރޮޅު ހައުސްގެ މޫސާ ވަޙީދުއެވެ. ނިރޮޅު ހައުސްގެ ކާމިޔާބީގައި މޫސަގެ ދައުރު ފާހަގަކޮށްލެވެއެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ ރަނަރަޕް ހިރުނދު ހައުސްގެ ގޯލްކީޕަރ އަސަދުﷲ އާލިމް އަފީފް އެވެ. އަސަދުﷲ ވަނީ މުބާރާތުގައި އުއްމީދީ ކުޅުމެއް ދައްކައިފައެވެ. މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކީ ބުރެވި ހައުސްގެ ގޯލްކީޕަރ ޙުސައިން މާޒިން އެވެ. އެންމެ މޮޅު ޑިފެންޑަރަކަށް އެ ހައުސްގެ މުޙައްމަދު އާމިލް ހޮވުނުއިރު އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ކުރެދި ހައުސްގެ އަޙްމަދު އަހުޝަމް އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމުވެސް ހޯދީ އަޙުޝަމް އެވެ. މުޅި މުބާރާތުގެ އެންމެ އަޙްލާޤު ރަނގަޅު ކުޅުންތެރިޔަކަށް، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ހިރުނދު ހައުސްގެ އަޙްމަދު ނާއިލް ހޮވުނުއިރު އެންމެ މޮޅު ފޯވާޑް ކުޅުންތެރިޔަކީ އެ ހައުސްގެ އިބްރާހީމް ޒަޔާން އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޗެމްޕިއަން ނިރޮޅު ހައުސްގެ ކޯޗް ޙުސައިން ފަޔާޒް އެވެ.

އިންޓަރހައުސް 27 ވަނަ ފުޓްބޯޅަ މުބާރާތުގެ ފެއަރ ޕްލޭ ޓީމް އަދި ތިންވަނަ ޓީމަކީ ބުރެވި ހައުސް އެވެ.