Banner Image Description

އާސިފްވެސް "އަނިޔާވެރި ވެރިކަން" ނިންމަން ނުކުމެއްޖެ!

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސް މުހައްމަދު އާސިފް، “އަނިޔާވެރި ވެރިކަން ނިންމަން” މަސައްކަތްކުރުމަށް ނުކުމެއްޖެއެވެ.

ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި މިހާތަނަށްވެސް ހުރި، އާސިފް ދާދި ދެންމެއަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ރައްޔިތުން އިންތަހާބުކޮށްފައިވާ ފަރާތްތައް ނާއިންސާފުން ކޮށްފައިވާ ސަސްޕެންޝަންތައް ބަލައިނުގަންނަ ކަމަށާއި، މިއަދުން ފެށިގެން މިވެރިކަން ނިންމަން މަސައްކަތްކުރާނެ ކަމުގައެވެ. “ނާއިންސާފުން، ރައްޔިތުން އިންތިހާބު ކޮށްފައިވާ ފަރާތްތަކަށް އެބޭފުޅުން އަދާކުރަންޖެހޭ ޤާނޫނީ ވާޖިބަށް ހުރަސްއެޅުމުގެ ގޮތުން މަޖިލިސް ހިސޯރުކޮށް، ކައުންސިލްތައް ސަސްޕެންޑްކުރުން އަޅުގަނޑު ބަލައެއްނުގަންނަން. މިއަދުން ފެށިގެން ރައްޔިތުންނާއިއެކު މި އަނިޔާވެރި ވެރިކަން ނިންމަން މަސައްކަތްކުރާނަން” އާސިފް ލިޔެފައިވެއެވެ. އާސިފްވަނީ މިޕޯސްޓާއިއެކު، އިދިކޮޅު ކޯލީޝަނުން ރިޔާސީ ރޭހުގައި ވާދަކުރާ ކެންޑިޑޭޓްގެ ނައިބް، ފައިސަލް ނަސީމް އަދި އިހަވަންދޫ ދާއިރާގެ މަޖްލިސް މެމްބަރު (ގޮނޑި ގެއްލުވާލައިފައިވާ) މުހައްމަދު އަބުދުﷲ އާއި އެކު ނަގާފައިވާ ފޮޓޮއެއްވެސް ޕޯސްޓް ކޮށްފައެވެ.

އާސިފްގެ ޕޯސްޓްގައި، ރައްޔިތުން އިންތަހާބުކޮށްފައިވާ ފަރާތްތައް ނާއިންސާފުން ކޮށްފައިވާ ސަސްޕެންޝަންތައް ބަލައިނުގަންނަކަމަށް ބުނެފައިވާއިރު، އިހަވަންދޫ ކައުންސިލްގެ ހުރިހާ (5) މެމްބަރުންވެސް މިވަގުތު ތިބީ 3 މަސްދުވަހުގެ ސަސްޕެންޝަނެއްގައެވެ. އަދި އިހަވަންދޫ ދާއިރާ ތަމްސީލްކުރުމަށް ދާއިރާގެ ރައްޔިތުން އިންތިހާބުކުރި މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) އަށް މަޖިލީހަކަށް ނުވަދެވެއެވެ.