ކޯޓް އަމުރެއް ދެއްކުމަށްފަހު، ސަސްޕެންޑް ކޮށްފައިވާ އިހަވަންދޫގެ ބައެއް ކައުންސިލަރުންގެ ފޯނު ހިފަހައްޓައި އެމީހުންނަށް ނިސްބަތްވާ ބައެއްތަންތަން ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ކުރިޔަށް އެބަގެންދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮޕަރޭޝަންގެ ދަށުން މިހާތަނަށްވަނީ ކައުންސިލަރު އަހުމަދު ރިޞްވާން އަދި ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދުގެ ފޯން ފުލުހުން ހިފަހަށްޓާފައެވެ.
މި އޮޕަރޭޝަންގައި ފުލުހުން ބޭނުންކުރަމުންދާ ކޯޓް އަމުރުގައި އޮންނަނީ، މި ކައުންސިލަރުންނަށް ތުހުމަތުކުރެވެނީ ލިޔެކިޔުމާއި ބެހުމާއި، ރަސްމީހައިސިއްޔަތުން ނުފޫޒް ފޯރުވުމާއި އަދި ރަސްމީ ވާޖިބް އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގާފައިވާ ކަމަށްކަމަށެވެ. އެލިއުމުގައި ވާގޮތުން ކައުންސިލަރުންނާއި ގުޅޭ މައްސަލަ ހުށަހަޅާފައިވަނީ އެލްޖީއޭއިންނެވެ.
ފުލުހުންގެ އޮޕަރޭޝަނާއި ގުޅިގެން ކައުންސިލަރު އަމްދު ރިޞްވާންބުނީ މިއީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ފުރޭމް ކުރުމުގެ އަމަލެއްކަމަށެވެ. “މިއީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހުރަސްއަޅަން ބަޔަކު ހިންގާކަމެއް. ތުހުމަތުކުރާ އެއްވެސްކަމެއް ކޮށްފަކާ ނޯންނާނެ! އަޅުގަނޑު ވާނެ މީގެ ކުރިން ރައްޔިތުންނަށް އަނިޔާތެރިވުމަށް ބަޔަކު ހިންގާފައިވާ އެތައް ޖަރީމާއެއް ފުލުހަށް ހުށަހަޅާފަ. އެކަންކަން ނުބަލާ މިކަން މިބަލާ ބެލުމުންވެސް އިނގޭ މިއީ ބައެއްގެ ނުފޫޒުން ކުރާ ކަމެއްކަން” ރިޞްވާން ބުންޏެވެ.