Banner Image Description

އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަގާމް މާރިޔަތު މާނިޢާ އާއި އާމިނަތު ސަމްހާ ހޯދައިފި

މުހައްމަދު ޢަބުދުއްޞަމަދު

2017 ވަނަ އަހަރު އިހަވަންދޫ ސްކޫލްގެ ހުރިހައި ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމަށް ހއ. އިހަވަންދޫ / މާރސް މާރިޔަތު މާނިޢާ މުޢީދު އާއި ހއ. އިހަވަންދޫ / އަރާވިލާ، އާމިނަތު ސަމްހާ ހޮވައިފިއެވެ.

މާރިޔަތު މާނިޢާ މުޢީދު ހުރިހައި ގޮތަކުން އެންމެ މޮޅު ދަރިވަރަށް ހޮވިފައިވަނީ ޘާނަވީ ބައިންނެވެ. މަތީ ޘާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކީ އާމިނަތު ސަމްހާ އެވެ. އާމިނަތު ސަމްހާ ވަނީ 2015 ވަނަ އަހަރު އެ ސްކޫލްގެ ޘާނަވީ ބައިންވެސް އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދާފައެވެ. ޘާނަވީ ސުކޫލް ނިންމާ އިމްތިހާނުތަކުން މާރިޔަތު މާނިޢާ މުޢީދު ވަނީ މުޅިރާއްޖެއިން 4 ވަނަ ޙާޞިލްކޮށްފައެވެ. މަތީ ޘާނަވީ ސުކޫލް ނިންމާ އިމްތިހާނުތަކުން އާމިނަތު ސަމްހާ ވަނީ މުޅި ރާއްޖެއިން 2 ވަނަ ހޯދާފައެވެ.

ޘާނަވީ ބައިން އެންމެ މޮޅު ދަރިވަރަށް ހޮވުނު މާރިޔަތު މާނިޢާ މުޢީދު ވަނީ، ސާނަވީ ސްކޫލު ނިންމާ އިމްތިހާނުތަކުން، 5 މާއްދާއިން އޭ ސްޓަރ 3 މާއްދާއިން އޭ ފާސް ހޯދާފައެވެ.  މި އަރުތަވެރި ދަރިވަރަކީ، 2013 ވަނަ އަހަރުން ފެށިގެން ސްކޫލުގެ ޕްރިފެކްޓުކަމާއި ސީނިއާ ޕްރިފެކްޓްކަން ކޮށްފައިވާ ހީވާގި ދަރިވަރެކެވެ.  2014ވަނަ އަހަރު އެކޯ ކުލަބުގެ ސެކެރެޓަރީ ކަމާއި، 2015 ވަނަ އަހަރު އިނގިރޭސި ކުލަބުގެ ސެކެރެޓަރީކަމާއި، 2016 ވަނަ އަހަރު ހެލްތު އެންޑް އެންވަޔަރުމަންޓް ކުލަބުގެ ނައިބު ރައީސްކަމާއި، 2017 ވަނަ އަހަރު ސްކޫލުގެ ވައިސް ކެޕްޓަނުގެ މަޤާމު މާނިޢާވަނީ ފުރައިފައެވެ. މީގެއިތުރުން، 2017ވަނަ އަހަރު ދިވެހިބަހުގެ އެކަޑަމީގެ ފަރާތުން ބޭއްވި މަޒުމޫނު ލިޔުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ 13 އަހަރާއި 16 އަހަރުގެ އުމުރުފުރާއިން މާނިޢާވަނީ 2 ވަނަ މަޤާމު ވެސް ހާސިލުކޮށްފައެވެ.

މަތީ ޘާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް ހޮވުނު އާމިނަތު ސަމްހާ ވަނީ، 2017 ވަނަ އަހަރުގެ އޮކުޓޫބަރު މަހުގެ ބޭއްވުނު މަތީ ސާނަވީ ސްކޫލު ނިންމާ އިމްތިހާނުތަކުން އެއް މާއްދާއިން އޭ ސްޓާރ އާއި 3 މާއްދާއިން އޭ އަދި އެއް މާއްދާއިން ބީ ފާސް ހޯދާފައެވެ. 2016ވަނަ އަހަރު އިހަވަންދޫ ސްކޫލުގެ ގްރޭޑް11 ގައި ތަޢުލީމު ހާސިލުކުރަން ފެށި 26 ދަރިވަރުންގެ ތެރެއިން ސަމްހާވަނީ ސީނިއާ ޕްރިފެކްޓެއްގެ މަޤާމާއި، 2017 ވަނަ އަހަރު ސްކޫލުގެ ކެޕްޓަން ކަމުގެ ފަޚްރުވެރި މަޤާމު އަދާކޮށްފައެވެ. 2017ވަނަ އަހަރު ދިވެހިބަހުގެ އެކަޑަމީގެ ފަރާތުން ބޭއްވި ކުރުވާހަކަ ލިޔުމުގެ 31 ވަނަ ޤައުމީ މުބާރާތުގެ 16 އަހަރާއި 21އަހަރުގެ އުމުރުފުރާއިން ސަމްހާވަނީ 3 ވަނަ މަޤާމު ވެސް ހާސިލުކޮށްފައެވެ.

2017 ވަނަ އަހަރު އިހަވަންދޫ ސްކޫލްގެ ހުރިހާގޮތަކުން އެންމެ ރަނގަޅު ސްކައުޓް “ބެސްޓް އޯލް ރައުންޑް ސްކައުޓަކަށް ހޮވިފައިވަނީ ހއ. އިހަވަންދޫ/ ފިނިރޯޅިގޭ ފާޠިމަތު ރިޙްމަތުއެވެ.  އަދި ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ސްކައުޓަކަށް ހޮވިފައިވަނީ ހއ. އިހަވަންދޫ/ ޖަނަވަރީމާގެ އާމިނަތު ޒަހާ ޒާހިރު އެވެ. ހުރިހާގޮތަކުން އެންމެ ރަނގަޅު ކެޑޭޓް  [ބެސްޓް އޯލް ރައުންޑް ކެޑޭޓަކަށް ހޮވިފައިވަނީ ހއ. އިހަވަންދޫ / އަލިވާގޭ މުހައްމަދު ޖުނައިދު އެވެ. ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ކެޑޭޓަކަށް ހޮވިފައިވަނީ  ހއ. އިހަވަންދޫ / އާހިޔާ  މަޢީޝާ އަޙްމަދު ރަޝީދު އެވެ.

ހުކުރު ވިލޭ ރޭ އިހަވަންދޫ ސްކޫލްގައި ބޭއްވި އެސްކޫލްގެ މިދިޔަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދާރިހް ޑރ. ޢާއިޝަތު ޢަލީ އެވެ. ޑރ. އާއިޝަތު އަލީއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލުކުރެއްވި ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅާއެވެ.