"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގައި ބައިވެރިވީ 4 ރަށަކުން

މުޙައްމަދު އަކުރަމް

“އިހަވަންދިއްޕޮޅު ރަސްތަރީގެ” ނަމުގައި، އިހަވަންދިއްޕޮޅަށް ހުޅުވައިލައިގެން ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ވަގުތު ހަމަވެފައިވާއިރު ބައިވެރިވެފައިވަނީ 4 ރަށަކުންނެވެ. އެއީ ތުރާކުނު، އުލިގަމް،މުޅަދޫ އަދި އިހަވަންދޫއެވެ. އިހަވަންދިއްޕޮޅުގައި ހިމެނޭ 5 ރަށުގެ ތެރެއިން މިމުބާރާތުގައި ބައިވެރިވެފައި ނުވަނީ ހޯރަފުއްޓެވެ.

މިއަހަރުގެ ޑިސެންބަރު މަހުގެ 17 އިން 20 އަށް ކުރިޔަށް ގެންދާ މިމުބާރާތަކީ އިހަވަންދޫ ކައުންސިލާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކްލަބް ޕޯލްސްޓަރ އަދި އަންބަރީ ފައުންޑޭޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ.

މިމުބާރާތުގައި ކޮންމެ ރަށެއްވެސް ތަމްސީލްކުރެވޭނީ ވަކިއަދަދެއްގެ ބައިވެރިންނަށެވެ. އެހެންކަމުން އެރަށަކުން ބައިވެރިވާ ބައިވެރިން ކަނޑައަޅާނީ، އެރަށެއްގެ ކައުންސިލުން ބާއްވާ އޮޑިޝަނަކުންނެވެ. އިހަވަންދޫއިން މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފާރާތްތަކަށްބާއްވާ އޮޑިޝަން އިއްޔަވަނީ އިއުލާންކޮށްފައެވެ.

މިމުބާރާތުގައި ބައިވެރިވާ ބައިވެރިން ވާންޖެހެނީ އެބައިވެރިޔަކު ތަމްސީލްކުރާ ރަށުގެ ރައްޔިތަކަށެވެ. މުބާރާތުގައި ބައިވެރިވާ އެހެން ރަށްތަކުގެ ބައިވެރިން އިހަވަންދޫއަށް އައުމުން އެފަރާތްތަކުގެ ހުރުމާއި ކެއުމުގެ އެންމެހާ އިންތިޒާމްތައް، މުބާރާތް އިންތިޒާމްކުރާ ފަރާތުން ހަމަޖައްސައިދެއެވެ. މިމުބާރާތުން އެއްވަނަ ރަށަކަށް 10000ރ ގެފައިސާގެ އިނާމެއް އަދި ދެވަނަ ރަށަށް 7000ރ ގެފައިސާގެ އިނާމެއް ހުށަހަޅައިފަވާއިރު މުބާރާތުން ތިންވަނައަށް އަންނަ ރަށަކަށް ހުށަހަޅާފައިވަނީ 5000ރ ގެ ފައިސާގެ އިނާމެކެވެ. މީގެއިތުރުން މުބާރާތުން އެއްވަނަ ބައިވެރިޔަކަށް 5000ރ، ދެވަނައަށް 3000ރ އަދި ތިންވަނައަށް ހޮވޭ ބައިވެރިޔާއަށް 2000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.