Banner Image Description

މަޖިލީހުން ފިރާޒަށް ރުހުން ދީފި

މުޙައްމަދު އަކުރަމް

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބް ރައީސަކަށް އައްޔަންކޮށްފައިވާ، ހއ. އިހަވަންދޫ، އާޒާދީބަހާރު މުހައްމަދު ފިރާޒަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. ފިރާޒަށް ރުހުން ހޯދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި މައްސަލަ، ދިރާސާކުރީ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީންނެވެ. ކޮމިޓީގެ ނިންމުމާ އެއްގޮތަށް ފިރާޒަށް ރުހުން ދޭން ފާސްކުރީ 57 މެންބަރުންގެ ވޯޓުންނެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި މިވަގު ތިއްބެވީ 5 މެމްބަރުންނެވެ. އެބޯޑްގެ ރައީސް އަކަށް ހުންނެވީ މުހައްމަދު އާސިމް އެވެ. ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައި އޮންނަ މިނިވަން ވުޒާރާ، ޕިސީބީ ބޯޑަކީ 2013 ވަނަ އަހަރު އުފައްދައިފައިވާ ބޯޑެކެވެ. ބޯޑު އުފައްދައިފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުންނެވެ.

މެލޭޝިއާގެ އޯޕެން ޔުނިވަސީޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކޮށްފައިވާ، މުޙައްމަދު ފިރާޟް ވަނީ އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލްއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ. އެބޭފުޅާގެ ހިދުމަތް މިހާރުވެސް ބޮޑަށް ފެނިގެންދަނީ ތައުލީމީ ދާއިރާއިންނެވެ.