Banner Image Description

އިހަވަންދޫގެ ލޭންޑްޔޫސް ޕްލޭން ހަދަން ރިޔަން އާ ހަވާލުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ލޭންޑްޔޫސް ޕްލޭން ރިވިއުކޮށް ތައްޔާރުކުރުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ރިޔަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރީ، 159000ރ އަށް 45 ދުވަހުގެ ތެރޭގައި އެމަސައްކަތް ނިންމާ ގޮތަށެވެ.

ރިޔަން އަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮންސަލްޓެންސީ ކުންފުންޏެވެ. 1997 ވަނަ އަހަރު އުފެއްދި އެކުންފުނިން އަންނަނީ ކޮންސަލްޓެންސީ ނުވަތަ އެކިއެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ލަފާދިނުމުގެ އިތުރުން ތަފާތު އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރަމުންނެވެ.

ނަމަވެސް ރިޔަން އަށް ހަވާލުކޮށްފައިވާ ބައެއް މަޝްރޫއުތައް ލަސްވުމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރެއެވެ. އެގޮތުން އައްޑޫ ސިޓީ ކައުންސިލުންވެސް ރިޔަންއާ ހަވާލުކުރި އެސިޓީގެ ލޭންޑްޔޫސް ޕްލޭންގެ މަސައްކަތް ނުނިންމައި ގިނަ ދުވަސްވަމުން ދާތީ، އެންމެ ފަހުން އެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން އަމިއްލަ އަށް ކުރަން ވަނީ ނިންމާފައެވެ. “ރިޔަން” ޕްރައިވެޓް ލިމިޓެޑަކީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ)ގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.

ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ނިންމަން ކައުންސިލްތަކަށް އެންމެ ފަހުގެ ތަރީހެއްގެ ގޮތުގައި އެލްޖީއޭ އިން ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 އެވެ. އެކަމަކު އެ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ގިނަ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ނުނިމެވެ.

ގިނަ ރަށްރަށުގައި ލޭންޑް ޔޫސް ޕްލޭން ނުނިމި އޮތީ، އެ މަސައްކަތް ކުރާނެ ބަޔަކު ނުލިބުމާއި މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިތަކުން މަސައްކަތް ނިންމުން ލަސްވަމުން ދާތީ އެވެ.