Banner Image Description

މައިންބަފައިން ބަލާކަމަށްބުނެ ހުށަހަޅާފައިވާ ބައެއްސިޓީތައް ލީކްކޮށްލައިފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވައިލުމުން ކުރިމަތިލާފައިވާ ބައެއް ފަރާތްތަކުން ގެވަޅަށް އެދި ހުށަހަޅާފައިވާ ބައެއް ފޯމްތަކުގެ ތެރެއަށް، އުސޫލުން ބޭރުން “ވަގަށް” ވައްދާފައިވާ ކަމަށްބުނާ ބައެއް ސިޓީތައް ސޯޝަލް މީޑިޔާގައި ލީކްކޮށްލައިފިއެވެ. މިގޮތުން އިއްޔަގެ ވަގުތެއްގައިވަނީ މަދުވެގެން 4 ސިޓީއެއް ލީކްކޮށްލާފައެވެ.

ގެވަޅުދިނުމުގައި ހިނގާ ބައެއްކަންކަމަށް ބަލާލައި 3 ޖޫން 2018 މިނޫހުގައި ޝާއިއުކުރި ރިޕޯޓުގައި ވާގޮތުން، ގެވަޅު ކޮމިޓީގެ ދެ މެމްބަރެއްގެ ފުށުން މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިމަތި ލާފައިވާ ފަރާތްތަކަށް މައިން ބަފައިން ބަލާތީ ޕޮއިންޓްދީފައި ވަނީ އެ ފަރާތްތަކުން ހުށަހަޅާފައިވާ ސިޓީތަކަކަށް ރިޢާއަތްކޮށެވެ. ނަމަވެސް ގެވަޅު ހޯދުމަށް ފޯމު ހުށަހެޅި އެއްވެސް ފަރާތަކުން ގެވަޅު ފޯމު ހުށަހެޅިއިރު މަންމަ ނުވަތަ ބައްޕަ ބަލާކަމަށްބުނެ އެއްވެސް ސިޓީއެއް ހުށަހަޅާފައި ނުވާކަމަށް، ގެވަޅު ފޯމްތައް ކައުންސިލަށް ބަލައިގަތުމާއި ފޯމްތައް ޕްރޮސެސްކުރުމުގައި އަދި ފަހުން ފޯމުތައް އިވެލުއޭޓްކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކުގެ ތެރެއިން މަދުވެގެން 6 މީހަކު މިނޫހަށް މައުލޫމާތު ދީފައިވެއެވެ. އަދި ގެވަޅު ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚް ކަމަށްވާ 2016 ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ފަހުން ގެވަޅާ ގުޅިގެން އެއްވެސް ފަރާތަކަށް އެއްވެސް ލިޔެކިއުމެއް ހުށަހެޅުމުގެ ފުރުސަތު ދީފައި ނުވާނެކަމަށްވެސް އިހަވަންދޫ ކައުންސިލުންވަނީ މިނޫހަށް މައުލޫމާތު ދީފައެވެ.

ލީކް ކޮށްލާފައިވާ ސިޓީތަކުގައިވަނީ ގެވަޅު ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚް ކަމަށްވާ 2016 ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ކުރީގެ ތާރީޙްތަކެވެ. އަދި ހުރިހާ ސިޓީއެއްވެސް ލިޔެފައިވަނީ ކޮމްޕިޔުޓަރުންނެވެ. ސިޓީތަކުގެ އިބާރަތްތަކާއި ލައިން ސްޕޭސިން އަދި ފޯމެޓްވެސް އެއްގޮތަކަށް ހުރިއިރު ބަދަލުކޮށްފަވަނީ މީހުންގެ މައުލޫމާތާއި އެޑްރެހެވެ. ނަމާއި އެޑްރެސް ބަދަލުކުރުމުގައި އަދި އެއްގޮތް ބައެއް ކުށްތައް ސިޓީތަކުގައި ތަކުރާރުވެފައ ހުރުމުން އެއީ އެއް ފައިލެއްގައި އެޑިޓްކޮށްފައިވާ ސިޓީތަކެއްކަމަށް ބެލެވެއެވެ.

މައިންބަފައިން ބަލާކަމަށްބުނެ ހުށަހަޅާފައިވާ ބައެއްސިޓީ ލީކް ކޮށްލާފައިވާތީ ގެވަޅު ކޮމިޓީގެ މެމްބަރު މޫސާ އަބުދުލް ހަފީޒްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިހަވަންދޫއިން ގޯތި ހޯދުމަށް ލީ ފޯމްތަކާއިއެކު ލާފައިވާ ކަމަށްބުނާ ސިޓީތަކެއް ލިބެންޖެހޭ ފަރާތްތައްނޫން އެހެން ފާރާތްތަކަށް އެތަނުގެ މުއައްޒަފަކު މެދުވެރިކޮށް ލިބުނުކަމަށް ބުނާކަމަށްބުނެ އޭނާވަނީ އެކަން ތަޙްޤީގްކުރުމަށް ގޮވައިލާފައެވެ. އޭނާ އިތުރަށް ބުނެފައިވާގޮތުގައި އެކަމަކީ ކައުންސިލްގެ އިދާރީ މުއައްޒަފުންގެ މެދުގައި ފިތުނަފާސާދަ އުފެދި ،ރުޅިވެރިކަން އުފެދި،އެމުއައްޒަފުންގެ އަގުވެއްޓިގެން ދާފަދަ ކަމެކެވެ. އަދި ސިޓީތައް އެފަރާތަށް (ލިކްކޮށްލި ފަރާތަށް) ދިން ވަކިމުއައްޒަފަކު ހާމަކޮށްފައި ނުވާތީ އެކަމުގައި ކައުންސިލްގެ ހުރިހާ މުއައްޒަމުން ޝާމިލް ވެގެންދާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ގެވަޅު ފޯމްތަކުގެ ތެރެއަށްފަހުން ސިޓީތަކެއް ވައްދާފައިވާކަމަށްބުނެ އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަމިއްލަފަރާތަކުން ހުށަހެޅިނަމަވެސް، އެމައްސަލަ އެކޮމިޝަނުން ބަލާފައެއްނުވެއެވެ. ގެވަޅު ކޮމިޓީގެ މެމްބަރު މޫސާ އަބުދުލް ހަފީޒް އާނމު ފޯރަމްތަކުގައި ބުނެފައިވަނީ، މައިންބަފައިން ބަލާކަމަށް މާކުސް ދީފައިވަނީ، ގެވަޅު ފޯމާއިއެކު ހުރި ސިޓީތަކަކަށް ރިޔާއަތްކޮށްގެން ކަމުގައެވެ. އަދި އެސިޓީތައް ގެވަޅުކޮމިޓީން ވެރިފައި ނުކުރާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

“ވަގަށް” ވައްދާފައިވާ ކަމަށްބުނާ ބައެއް ސިޓީތައް ސޯޝަލް މީޑިޔާގައި ލީކްކޮށްލާފައިވާއިރު، އެސިޓީތައް ނިސްބަތްވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ އެމީހުން ހުށަހެޅި ސިޓީތަކެއް ނޫންކަމުގައެވެ. އަދި އޭގައިވާ ސޮޔާއި އެމީހުންގެ ސޮޔާ ދިމާނުވާކަމަށްވެސް އެމީހުން ބުނެއެވެ.