އަންނަ ސެޕްޓެމްބަރު 24 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ އާއްމުކޮށްފައި ވާއިރު، ރިޔާސީ އިންތިހާބުގައި އިހަވަންދޫއިން ވޯޓް ލުމުގެ ހައްޤު ލިބިފައިވާކަމަށް ދައްކަނީ 2211 މީހަކަށެވެ.
މިއީ 2018 ވަނަ އަހަރު އިހަވަންދޫއިން ވޯޓްލުމުގެ ހައްޤު ލިބުނު 1903 މީހުންނަށްވުރެ 308 މީހުން އިތުރު އަދަދެކެވެ. އިލެކްޝަން ކޮމިޝަނުން އާއްމުކޮށްފައިވާ ވޯޓާސް ލިސްޓަށް ބަލާއިރު ރިޔާސީ އިންތިހާބުގައި މުޅި ރާއްޖެއިން ވޯޓްލުމުގެ ހައްޤު 000،263 މީހަކަށް ލިބެއެވެ.
އިލެކްޝަން ކޮމިޝަނުން ވޯޓާސް ލިސްޓް އާއްމުކޮށްފައިވާއިރު، އެލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 ވަނަ ދުވަހާ ހަމައަށްވަނީ ހުޅުވާލާފައެވެ. ސެޕްޓެމްބަރު މަހު އިންތިޚާބު ބާއްވަން ނިންމާފައިވާއިރު، ރަށްވެހިވެފައިވާ ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުންނަށް ވެސް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.