އިހަވަންދޫ ކައުންސިލް ސަސްޕެންޑްކުރެވުނުކަން "އެލްޖީއޭ" ހަނދާންނެތިއްޖެ!

މުޙައްމަދު އަކުރަމް

މިހިނގާ ޖޫންމަހުގެ 3 ވަނަ ދުވަހުން ފެށިގެން، ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިހަވަންދޫ ކައުންސިލް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފައި ވާނަމަވެސް އެކަން އެ އޮތޯރިޓީއަށް ނޭގޭކަން ހާމަވެއްޖެއެވެ. އެގޮތުން އެލްޖީއޭއިން އިއްޔަ (9 ޖޫން 2018 ގައި) އިހަވަންދޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީ އެޑްރެސް ކޮށްފައިވަނީ އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދުއަށެވެ.

އިހަވަންދޫ ކައުންސިލްގެ 5 މެމްބަރުންވެސް ސަސްޕެންޑް ކޮށްފައިވާތީ ކައުންސިލް ހިންގުން ހަވާލުކޮށްފައިވަނީ ކައުންސިލްގެ ޒިންމާދާރު ވެރިޔާއަށެވެ. މުހައްމަދު ރަޝީދަށް އެޑްރެސްކޮށް އެލްޖީއޭ އިން ފޮނުވާފައިވާ ސިޓީގައިވަނީ މޭ 30 ވަނަދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމެރީ ހުއްޓުވުމަށް ދައުލަތުގެ އިދާރާތަކުގެ މައްޗަށް ސިވިލް ކޯޓުން އަމުރު ނެރެފައިވަނިކޮށް، ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު އެމްޑީޕީގެ ޕްރައިމެރީގެ ވޯޓް ލުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމުގައެވެ. އެހެން ކަމުން އެކަމަށް 11 މެއި 12:00 ގެ ކުރިން ޖަވާބު ދާރީވުމަށް މުހައްމަދު ރަޝީދަށް އަންގާފައި ވާއިރު، އެމުއްދަތުގައި ޖަވާބުދާރީ ނުވެއްޖެނަމަ ޖަވާބުދާރީވުމަށް ދިން ފުރުސަތު ދޫކޮށްލީކަމަށް ބަލާނެކަމަށް އެސިޓީގައި ވެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެލްޖީއޭގެ ސިޓީއާއި ގުޅިގެން، އިހަވަންދޫ ކައުންސިލުންވަނީ މުހައްމަދު ރަޝީދު ހުރީ ސަސްޕެންޑް ކޮށްފައިކަން އެލްޖީއޭ އަށް ހަނދާންކޮށްދީފައެވެ.

މޭ 30 ވަނަދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމެރީގައި ހަރަކާތްތެރިވި ކަމަށްބުނެ ޖަވާބު ދާރީވުމަށް އަންގާފައިވަނީ ހަމައެކަނި އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދަށެވެ. ނަމަވެސް އެދުވަހުގެ ޕްރިމެރީގެ ހަރަކާތްތަކުގައި އިހަވަންދޫގެ އެހެން ކައުންސިލަރުންވެސް ވަރަށް ހަރަކާތްތެރިކޮށް އުޅުނު މަންޒަރު ފެނިގެން ދިޔައެވެ. އެމްޑީޕީ ޕްރައިމެރީގައި ހަރާކާތްތެރިވި އެހެން ރަށްރަށުގެ ކައުންސިލަރުންނަށްވެސް ޖަވާބުދާރީވާން އަންގަމުންދާކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

މިކަމާއި ގުޅިގެން މުހައްމަދު ރަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ އެއްވެސް ކައުންސިލެއް ރާއްޖޭގެ އެއްވެސް ރަށެއްގައި، ރިޔާސީ އިންތިހާބު އަންނައިރު އޮވެއްޖެނަމަ ރައީސް ޔާމީން ބަލިވާނެކަމަށް ޕީޕީއެމްއިން ދެކޭކަމަށެވެ.

މިދިޔަ އަހަރު އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހާއިގުޅިގެން ހިނގާދިޔަ ކަންކަމުގެ ސަބަބުން ކަމަށްބުނެ، 31 ޖެނުއަރީ 2018 އިން ފެށިގެން މުސާރަ ނުލިބޭގޮތަށް 3 މަސްދުވަހަށް އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވާއިރު، ސަސްޕެންޝަނަށް ފަހު ކައުންސިލަރުން އޮފީހަށް ނުކުމެފައިވަނީ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. އެއަށްފަހު ޖޫން 3 ގެ ފަހުން އަނެއްކާވެސް މިވަނީ މުސާރަ ނުލިބޭގޮތަށް 3 މަސްދުވަހަށް އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑް ކޮށްފައެވެ.