ހއ. އިހަވަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯޗަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ ނަންބަރު:(IUL)248-CAA/248/2016/85 10 އޮގަސްޓް 2016 އިގެ އިޢުލާނުގައިވާ އުސޫލާއި އެއްގޮތަށްކަމަށާއި އެ އިއުލާނުގައިވާ އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަމަށް އިހަވަންދޫ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރު މިނޫހަށް މައުލޫމާތު ދީފައިވެއެވެ. ހަމައެއާއި އެކު އެކަން ނަފީވާ ގޮތަށް، އެ އިޢުލާނުގައިވާ އުސޫލަށް ބަދަލެއް ގެނެސްފައިވާކަން އެގޭނެ މައުލޫމާތުވެސް އިހަވަންދޫ ކައުންސިލުން މިނޫހަށް ދީފައިވެއެވެ.
އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަމަށް މައުލޫމާތު ދީފައިވަނީ، އިޢުލާނުގައިވާ އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައި ވޭތޯއާއި، އިޢުލާނުގައިވާ އުސޫލަށް ބަދަލުގެނެސްފައި ވާތީ އޭސީސީއިން އެއިއުލާން ބާތިލްކުރުމަށް ލަފާ ދީފައިވޭތޯ މިނޫހުން ކުރި ސުވާލުގެ ޖަވާބުގައެވެ. އެ އިޢުލާން ބާތިލްކުރުމަށް އެސީސީއިން ލަފާދީފައި ވާކަމަށާއި އެގޮތަށް ލަފާ ދީފައިވަނީ 10 އޯގަސްޓް 2016 އިގެ އިއުލާނުގައި ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ ގޮތަށް ދެ ބަދަލެއް ގެނެސްފައިވާކަމަށް ދަންނަވާފައިވާ ދެންނެވުމަކާއި ގުޅިގެން ކަމަށް ކައުންސިލުންވަނީ ބުނެފައެވެ. ނަމަވެސް 10 އޯގަސްޓް 2016 އިގެ އިލާނުގައި ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށް އިހަވަންދޫ ކައުންސިލުން ދީފައިވާ މައުލޫމާތުގައިވެއެވެ.
އިޢުލާނުގައިވާ އުސޫލަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަމަށް ކައުންސިލުން ފާހަގަ ކޮށްފައިވާ ނުކުތާ ނަފީވާފަދަ ގޮތަކަށް މައުލޫމާތު ދީފައިވަނީ، ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާފައިވާ (ކަޓް އޮފް ޑޭޓް) އާއި ބެހޭގޮތުން މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައެވެ. ޖަވާބުގައި ބުނެފައިވަނީ އެ އިޢުލާނާއި ގުޅިގެން ކުރިމަތިލާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާފައިވަނީ އެ އިޢުލާނުގެ މުއްދަތުހަމަވި ތާރީހަށްކަމަށެވެ. ނަމަވެސް 10 އޯގަސްޓް 2016 އިގެ އިލާނުގައި ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުގައި އޮންނަނީ، ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯތި ދޭ ތާރީޚަށްކަމަށެވެ. ނަމަވެސް ކުރިމަތިލާ ފާރަތްތަކުގެ އުމުރުގެ ބައި ބަލާނީ ގޯތިދޫކުރުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަށް ކަމަށްވެސް އެ އިޢުލާނުގައި އޮވެއެވެ.
ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ އިޢުލާނުގެ މުއްދަތުހަމާވާ ތާރީޚަށްމަށް ގެވަޅުކޮމިޓީން ނިންމާފައިވަނީ، އިޢުލާނުގައި ފުށުއެރުންތަކެއް ހުރުމުންނާއި، ގޯތި ދޭ ތާރީޚަށް މީހުންގެ މައުލޫމާތަށް އައިސްފައިވާ އުނިއިތުރު ބެލުމީ ކުރެވޭނެކަމެއް ނޫންކަމަށް ވާތީކަމަށް ކައުންސިލުންބުނެފައިވެއެވެ. “10 އޯގަސްޓް 2016 އިގެ އިޢުލާނުގައި، މަޢުލޫމާތަށް އައިސްފައިވާ އުނި އިތުރު ބަލާނީ ގޯތި ދޭ ތާރީޚާއި ހަމައަށް ކަމުގައި އޮތްއިރު، ގޯއްޗަށް އެދޭ މީހުންގައި ހުންނަންވާ ޝަރުތުތަކުގައި ފޯމް ހުށައަޅާ ފަރާތްތަކުގެ ބައެއް މަޢުލޫމާތު ބަލާނީ، ފޯމް ހުށަހަޅާ ތާރީޚާއި ހަމައަށް ކަމަށް އޮތުމުން ފުށު އެރުންތަކެއް ހުރުމުންނާއި، ގޯތި ފޯމް ހުށައަޅާ ފަރާތްތަކާއި ގުޅޭ ބައެއް މަޢުލޫމާތު ސާފު ކުރުމަށް ގިނަ ދުވަސް ތަކެއް ނަގާއިރު، ގޯތި ދޭ ދުވަހާއި ހަމައަށް މައުލޫމާތަށް އަންނަ އުނި އިތުރު ބެލުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ގޯތި ކޮމިޓީން ނިންމުމާއި ގުޅިގެން” މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ގޯތި ދޭ ތާރީޚުގެ ބަދަލުގައި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަށް ބެލުމަށް ގެވަޅުކޮމިޓީން ނިންމި ސަބަބާއި މެދު ކައުންސިލްގެ ޖަވާބުގައި ބުނެފައިވެއެވެ.
ގެވަޅު ކޮމިޓީން ބުނާފަދަ ހުސޫމަތު އެކުލެވޭ ކަންތައްތަކެއް 10 އޯގަސްޓް 2016 އިގެ އިލާނުގައި އެބަހުއްޓެވެ. އެ އިއުލާނުގައި، އުމުރުގެ ބައި ބަލާނީ ގޯތިދޫކުރުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަށްކަމަށް ބުނެފައިވާއިރު ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯތި ދޭ ތާރީޚަށްކަމަށް ބުނެފައިވެއެވެ. ގޯތިދޭ ތަރީހަކީ ސާފުވާނެ ތާރީހެއްނޫނެވެ. ގެވަޅުކޮމިޓީން ބުނާފަދައިން ގެވަޅުދޭ ވަގުތާއިހަމަޔަށް 401 މީހުންގެ މައުލޫމާތަށް އަންނަ އުނިއިތުރު ބެލުމަކީ އިންސާނުންނަށް ލާއިގު ކަމެއްނޫނެވެ. ހުރިހާ ޑޮކްމެންޓެއް ތައްޔާރުކޮށް ސީލްޖަހާފައި ހުއްޓައި، 401 މީހުނގެ ތެރެއިން މީހަކަށް ދަރިއެއްވެސް ލިބިދާނެއެވެ. ކައިވެންޏެއްކޮށް ކައިވެންޏެއް ރޫޅިވެސް ދާނެއެވެ. މިފަދަ އެތައްބަދަލެއް ގެވަޅަށް ކުރިމަތިލާފައިވާ މީހުންގެ މައުލޫމާތަށް އައިސްފާނެއެވެ. ވީމާ ސާފު “ކަޓް އޮފް ޑޭޓެއް” އިއުލާނުގައި ނުޖައި މިއީ ކުރެވޭނެކަމެއްކަމަކަށް ބުއްދީގެ ތަރާދުން ކިރައިލުމުން ޤަބޫލެއް ނުކުރެވެއެވެ.
ވީމާ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ އެ އިޢުލާނުގެ މުއްދަތު ހަމަވި ތާރީޚަށްކަމަށް ގެވަޅު ކޮމިޓީއިން ނިންމާފައިވާ ނިންމުމަކީ “ހެޔޮނިޔަތުގައި” ނިންމާފައިވާ ނިންމުމެއްކަމަށް ގަބޫލު ކުރެވެއެވެ. ނަމަވެސް ގެވަޅުކޮމިޓީގެ ނިންމުމާއި އެކު، 10 އޯގަސްޓް 2016 އިގެ އިލާނުގައި ބުނެފައިވާ ޕޮއިންޓެ ދިނުމުގެ އުސޫލް މުޅިން އެކޮޅުކޮޅުން ޖެހޭނެއެވެ. ސަބަބަކީ އިއުލާނުގައި ސާފުކޮށް ބުނެފައިވާ އުސޫލާއި (އެއީ ލާއިގު ކަމެއް ނޫންކަމަށްވިޔަސް) ހިލާފުވާނެތީއެވެ. އެކަމުގެ ސަބަބުން އެއްބައެއްގެ ހައްޤުތައް ނިގުޅައިގަނެވިގެންދެއެވެ. އެއީ 10 އޯގަސްޓް 2016 ފުހުން ގެވަޅުދިނުމާއި ހަމަޔަށް އުފަންވި ކުދިންނާއި ކައިވެންޏަށްވީ ދުވަހާ ކުރިހާ ކައިވެންޏާއި މިފަދަ އެތައްކަމަކަށް ފޮއިންޓް ދޭނެކަމަކަށް އެ އިޢުލާނުގައި އޮތްނަމަވެސް “އެ ދޮރު” ބަންދުވެގެން ދާތީއެވެ. ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުންފަދަ ކަންކަމަކީ އެކަމުގައި ހާއްސީހައްގެއް އެކުލެވިގެންނުވާ ކަމެއް ކަމަކަށް ވިއަސް ބެހެނިވި އިންސާފަކުން ކުރާންޖެހޭ ކަމަކަށް ވީހިނދު ގެވަޅު ކޮމިޓީއިން ޕޮއިންޓްދޭ އުސޫލަށް ގެނެސްފައިމިވާ ބޮޑު ބަދަލުގެ ސަބަބުން ކުރިމަތިލާފައިވާ އެތައްބަޔަކަށް އެކަމުގެ ސީދާ ގެއްލުން ވެގެންދާނީކަމީ ޔަޤީންކަމެކެވެ.
ދައުލަތުގެ އިދާރާތަކުން ކުރާ އިޢުލާނެއްގައި ކުޑަނަވެސް ގޯހެއް ނުވަތަ ފުށުއެރުމެއް އުޅޭނަމަ އާނމުކޮށް އަމަލުކުރާ އުސޫލަކީ އެއިއުލާނެއް ބާތިލްކުރުމެވެ. އަދި އިއުލާނުގެ މުއްދަތު ހަމަވުމަށްފަހު ކުޑަނަމަވެސް ބަދަލެއް އެއިއުލާނަކަށް ގެންނަންޖެހިއްޖެ ހާލަތެއްގައިވެސް ކުރީގެ އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރަނީއެވެ. އިހަވަންދޫ ކައުންސިލްގެ ނަންބަރު:(IUL)248-CAA/248/2016/85 10 އޮގަސްޓް 2016 އިއުލާނުގައި ފުށުއެރުންތަކެއް ހުރިކަމަށް އެކައުންސިލްގެ އިއުތިރާފުން އެގެން އޮންނައިރު، އަދި އެފުށުއެރުން ތަކާއިއެކު އިއުލާނަށް ބޮޑުބަދަލެއް ގެވަޅު ކޮމިޓީއިން ގެނެސްފައި އޮތްއިރު، އެ އިޢުލާނަކީ އާނމުކޮށް ކުރާ އިޢުލާނުތަކާއި ތަފާތުކޮށް ގިނަބައެއްގެ ޙައްޤުތަކާއި ގުޅުންއޮތް އިއުލާނެއް ނަމަވެސް، އާންމު އުސޫލުން މި އިއުލާނާއިމެދު އަމަލުނުކުރީ ކީއްވެގެންކަމެއް ނޭގެއެވެ.
ފާހަގަކުރެވިދިޔަ ކަންކަމަށް ބަލާއިރު 10 އޮގަސްޓް 2016 އިޢުލާނުގައިވާ އުސޫލަށް ބަދަލުގެނެސްފައި ވާތީ އޭސީސީއިން އެއިއުލާން ބާތިލްކުރުމަށް ދީފައިވާ ލަފަޔަކީ، ޖާއިޒް ލަފައެއްކަމަށް ފެނެއެވެ. ސަބަބަކީ ހަގީގަތުގައިވެސް، ގެވަޅުކޮމިޓީއިން ޕޮއިންޓް ދޭ އުސޫލަށް ގެނެސްފައިވާ ބަދަލަކީ މާކްސްދިނުމުގައި ބަލާ ހުރިހާބަޔަކަށްވެސް އަސަރުކުރާނެ ކަމެއްކަމަށްވާތީއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި، ކައުންސިލަރުން ފުރަތަމަ ފަހަރު ސަސްޕެންޑްކުރިއިރު އޭސީސީގެ ލަފަޔަށް ރިޔާއަތްކޮށް، ގެވަޅުދިނުމަށް އަލުން އިޢުލާނުކުރުމުގެ މަސައްކަތްދިޔައީ ކުރަމުންނެވެ. ނަމަވެސް ސަސްޕެންޝަނާއި ހަމައިން ކަންތައްތައްމިވަނީ އެހެންގޮތަކަށް ބަދަލުވެގެން ގޮހެވެ.