Banner Image Description

ކައުންސިލަރުން ސަސްޕެންޑްކުރުމުން ސަރުކާރުގެ ގޮތެއްފޮތެއް ނެތްކަން ހާމަވޭ – މުހައްމާ

މުޙައްމަދު އަކުރަމް

އިހަވަންދޫގެ 5 ކައުންސިލަރުން 3 މަސްދުވަހަށް ރައްޔިތުންގެ ހިދުމަތުން މަހްރޫމްކޮށް، އެލްޖީއޭ އިން ސަސްޕެންޑްކުރި ކުރުމަކީ އަދުގެ ސަރުކާރުގެ ގޮތެއްފޮތެއް ނެތްކަން ހާމަވާކަމެއް ކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ.

މުހައްމާ މިހެން ވިދާޅުވީ، ތިން މަސް ދުވަހުގެ ސަސްޕެންޝަނަކަށްފަހު އިހަވަންދޫ ކައުންސިލްގެ މެމްބަރުން އަނބުރާ މަސައްކަތަށް ނިކުންނެވިތާ މަހެއްހައި ދުވަސްފަހުން އަނެއްކާވެސް މާދަމާއިން ފެށިގެން 3 މަސްދުވަހަށް މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކުރަން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ނިންމުމާއި ގުޅިގެން އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.

މުހައްމާގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ ފަތިފައްޗަށް މަތިމައްޗަށް ސަސްޕެންޑްކުރިޔަސް އިހަވަންދޫ ކައުންސިލްގައި ތިއްބެވި 5 މެމްބަރުން ފަހަތަށް ނުޖެހޭނެކަން ވަރަށް ސާފުކޮށް އަދުގެ ސަރުކާރަށް އެނގިވަޑައި ގަންނަވާނެކަމަށެވެ.

އިހަަވަންދޫ ކައުންސިލްގައި ހިމެނޭ ފަސް ބޭފުޅުން ވެސް ނިސްބަތްވެ ވަޑައިގަންނަވަނީ އެމްޑީޕީ އަށެވެ.  އިހަވަންދޫ ކައުންސިލްގައި ތިއްބަވާ 5 ކައުންސިލަރުންނަކީ އަލްފާޟިލް ޢަބްދުﷲ ހަލީލް، އަލްފާޟިލް އަޙްމަދު ރިޟްވާން، އަލްފާޟިލް މުޙައްމަދު ރަޝީދު، އަލްފާޟިލް ޢަލީ ރަމީޒު އަދި އަލްފާޟިލް މުޙައްމަދު މަފާޒު އެވެ.