Banner Image Description

އިހަވަންދޫ ކައުންސިލްގެ ހުރިހާ ކައުންސިލަރުން އަނެއްކާވެސް 3 މަހަށް ސަސްޕެންޑް ކޮށްފި!

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލްގެ ހުރިހާ ކައުންސިލަރުން މުސާރަ ނުލިބޭގޮތަށް އަނެއްކާވެސް 3 މަހަށް ސަސްޕެންޑްކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވަނީ ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތްތަކަށް ހުރަސް އެޅި ކަމަށް ބުނެކަމަށް މައުލޫމާތު ލިބެއެވެ.

އިހަވަންދޫ ކައުންސިލް ފުރަތަމަ ފަހަރު ސަސްޕެންޑް ކޮށްފައިވާ މުއްދަތުގައި، ހައުސިން މިނިސްޓްރީގެ ދަށުން ހިންގާ ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ ޓީމެއް އިހަވަންދޫގައި ސްޓޭޝަންވެތިބެ މަސައްކަތްތަކެއް ކުރަމުންދިޔަކަށް ފާހަގަކުރެވިފައިވެއެވެ. އެގޮތުން ކައުންސިލްގެ ސަސްޕެންޝަން ނިމުނު ރޭވެސް ދަންވަރުގެ ވަގުތުގައި، ކައުންސިލް އިދާރާގައި އަމިއްލަ ފަރާތަކަށް ބިމެއްދިނުމުގެ އެގްރީމެންޓްގެ މަސައްކަތް ކުރިކަންވަނީ އެނގިފައެވެ. ނަމަވެސް ސަސްޕެންޝަނަށްފަހު ކައުންސިލުންވަނީ އެ އެގްރީމެންޓްގެ މަސައްކަތް ކުރިޔަށް ނުގެންގޮސް އެބިންކުއްޔަށް ދިނުމުގެ މަސައްކަތް ހުއްޓާލާފައެވެ. އެއީ މާލިއްޔަތުގެ ގަވާއިދާއި ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާ ކަމައެއްކަމަށް ކައުންސިލަރުން ބުނެއެވެ.

އަންނަ އާދިއްތަ ދުވަހުން ފެށިގެން 3 މަހަށް މުސާރަ ނުލިބޭގޮތަށް އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑްކުރަން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ނިންމާފައިވާކަމަށް މައުލޫމާތު ލިބިފައިވީނަމަވެސް، ސަސްޕެންޑްކުރިކަން އަދި ކައުންސިލަރުންނަށް އަންގާފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.

މިދިޔައަހަރު އިހަވަންދޫގައި ފާހަގަކުރި މަސްވެރިންގެ ދުވަހާއިގުޅިގެން ހިނގާދިޔަ ކަންކަމުގެ ސަބަބުން ކަމަށްބުނެ، 31 ޖެނުއަރީ 2018 އިން ފެށިގެން މުސާރަ ނުލިބޭގޮތަށް 3 މަސްދުވަހަށް އިހަވަންދޫ ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވާއިރު، ސަސްޕެންޝަންއަށް ފަހު ކައުންސިލަރުން އޮފީހަށް ނުކުމެފައިވަނީ މެއި މަހުގެ 2 ވަނަ ދުވަހުއެވެ.

އެލްޖީއޭ އިން މިފަހަރު ވަނީ، އެ ރަށު ކައުންސިލަރުން ތިން ވަނަ ފަހަރަށް ސަސްޕެންޑުކުރަން ޖެހިއްޖެނަމަ އިހަވަންދޫ ކައުންސިލް އުވާލަން ހައި ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.