Banner Image Description

އިހަވަންދޫއިން 557 މެންބަރުން ނަޝީދަށް އާ ބަސްބުނެފި!

މުޙައްމަދު އަކުރަމް

ސިވިލްކޯޓުން ހުއްޓުވުމުގެ އަމުރެއް ނެރެފައި ވަނިކޮށް އެމްޑީޕީއިން އިއްޔެ ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް އިހަވަންދޫއިން 557 މެންބަރުން ވޯޓް ދީފިއެވެ. އެޕާޓީއިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން އިހަވަންދޫއިން ވޯޓްދީފައިވާ 557 ވެސް ވޯޓް ދީފައިވަނީ ނަޝީދު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ފެންނަ ކަމަށެވެ. އަދި އެއްވެސް ވޯޓެއް ބާތިލް ވެފައެއްނުވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިއްޔެ ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުން ހުރަސް އަޅަމުން ދަނިކޮށެވެ. އެގޮތުން އެ ޕްރައިމަރީ ހުއްޓުވަން ފުލުހުން ވޯޓްލާ މަރުކަޒުތަކަށް ވަދެ އެ ތަންތަނުގައި ހުރި ވޯޓްލާ ފޮއްޓާއި ވޯޓް ކަރުދާސްތައް ވެސް ގެންދިޔަ އެވެ. އެގޮތުން އިހަވަންދޫގައިވެސް ވޯޓްލުން ފަށައިގެން ކުރިޔަށް ގެންދަނިކޮށް ވިކިހިސާބަކުން ފުލުހުން އައިސް ވޯޓްފޮށި ގެންދިޔަ މަންޒަރު ފެނިގެންދިޔައެވެ. ނަމަވެސް އެމްޑީޕީ އިހަވަންދޫ ދާއިރާގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ، ފުލުހުންނަށް އިހަވަންދޫ ހަރުގެއިން ގެންދެވުނީ ކުރިން ދާއިރާގެ ރައީސް އިންތިހާބުކުރުމަށް ބޭނުންކުރި ވޯޓްފޮށި ކަމަށެވެ. ރިޔާސީ ޕްރައިމަރީގައި ވޯޓްލުމަށް ބޭނުންކުރި ފޮށި ރައްކާތެރިކޮށް ހުރިކަމަށެވެ. އިހަވަންދޫ އެމްޑީޕީ ހަރުގޭގައި ވޯޓްލުން ކުރިޔަށް ދިޔަނަމަވެސް، ގޭގެއަށް ވޯޓް ފޮށްޓާއިއެކު ގޮސްގެންވެސް ވޯޓްލުން ކުރިޔަށްގެންދިޔަ މަންޒަރު ފެނިގެންދިޔައެވެ.

މުހައްމަދު ރަޝީދު މައުލޫމާތު ދެއްވިގޮތުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އިހަވަންދޫގައި ބެހެއްޓި ފޮށްޓަށް ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައިވަނީ 579 މީހުންނެވެ. އޭގެތެރެއިން ވޯޓް ދީފައިވަނީ 557 މީހުންނެވެ. އެއީ އެފޮށްޓަށް ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައިވާ އެކި ދާއިރާ ތަކުގެ މީހުންނާއި އެކުއެވެ.

އެމްޑީޕީއިން ހާމަކޮށްފައިވާގޮތުގައި އިއްޔެ ބޭއްވި އެޕާޓީގެ ރިޔާސީ ޕްރައިމެރީއިން ނަޝީދަށް ލިބިފައިވަނީ 43922 ވޯޓެވެ. އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެއް ކެންޑިޑޭޓަކު ނުކުތަސް، 10% ވޯޓް ހޯދަން ޖެހެއެވެ. 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ނަޝީދަށް ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.