ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާހްއާއެކު އަމިއްލަ ގޮތުން ވާދަކުރާ ޓީމުގެ މެނިފެސްޓޯ އާންމުކުރަން ފަށައިފިއެވެ.އެ ޓީމުން އެންމެ ފުރަތަމަ އާންމުކުރި ވައުދަކީ އިހަވަންދޫގައި މިހާރު ހުރި މަސްޖިދުލް ތައުބާ ހުރި ބިމުގައި ޒަމާނީ ފެންވަރުގެ ރީތި މިސްކިތެއް ބިނާކުރުމުގެ ވައުދެވެ.
މަސްޖިދުލް ތައުބާ އަކީ 1994 ވަނަ އަހަރުގެ ތެރޭގައި އިމާރާތްކޮށްފައިވާ، މިވަގުތު އިހަވަންދޫގައި ހުރި އެންމެ ބޮޑު މިސްކިތެވެ. ގާތްގަނޑަކަށް 490 އަކަ މީޓަރުގެ މި މިސްކިތަކީ އަންހެނުންނާއި ފިރިހެނުންނަށް ވެސް އަޅުކަން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. މީގެ އިތުރުން، ރަށުގެ ކަށުނަމާދު ކުރުމުގެ ކަންކަން ވެސް މިހާރު ކުރިއަށްދަނީ އެ މިސްކިތުގައެވެ.
މި ސަރުކާރުން އިހަވަންދޫގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަށް ފީޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއު ހިންގުމަށް ތައުބާ މިސްކިތް ތަޅާލައި އެ ބިމުގައި އެ މަސައްކަތް ކުރުމަށް ބައެއް ފަރާތްތަކުން ވަނީ ލޮބީކޮށްފައެވެ. ނަމަވެސް، ސަރުކާރުން އިސްލާމީ މަރުކަޒު އެޅުމަށް ބޭނުންވާ ބިމުގެ ސައިޒު ތައުބާ މިސްކިތް ހުރި ބިމުން ނުލިބޭތީ، ކައުންސިލުން ނިންމާފައިވަނީ އިސްލާމީ މަރުކަޒު ރަށުގެ އެހެން ބިމެއްގައި ބިނާކުރުމަށެވެ.
ސޮބާހް ޓީމުން މެނިފެސްޓޯ އާންމުކުރަން ފަށާފައިވާއިރު، މި ޓީމުގެ ފަރާތުން ކައުންސިލްގެ 5 ގޮނޑިއަކަށް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ 5 ގޮނޑިއަކަށް ކެނޑިޑޭޓުން ވާދަކުރެއެވެ.