ހއ. އިހަވަންދޫގައި ދިގު މުއްދަތަށް، މަސްވެރިކަމާ ގުޅުންހުރި އެކި މަސައްކަތްތައް ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް އިހަވަންދޫ ކައުންސިލުން އިޢުލާންކޮށްފިއެވެ.
އިހަވަންދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި މަސައްކަތްތަކަށް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ އެ އިހަވަންދޫގެ ލޭންޑް ޔޫސް ޕްލޭންގައި އިންޑަސްޓްރިއަލް މަސައްކަތްތަކަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުންނެވެ. މިގޮތުން ޖުމުލަ 4 ބިމެއް ދޫކުރުމަށް ވަނީ ނިންމާފައެވެ. ކޮންމެ ބިމެއްގައި 3,000 އަކަފޫޓު ހުންނާނެ ކަމަށް ކައުންސިލުން ބުނެއެވެ.
މި ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 20 އަހަރު ދުވަހުގެ ދިގު މުއްދަތަކަށެވެ. އަދި ބިމު ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 60 ލާރިއެވެ.
ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ މި މަހުގެ 24 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 23:59 އެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 3 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އިހަވަންދޫ ކައުންސިލް އިދާރާގައެވެ.
އިހަވަންދޫ ކައުންސިލުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި ބިންތައް ދޫކުރުމުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ އާންމު ސަރަޙައްދުތަކުގައި މަސްކެއްކުމާއި މަސްވެރިކަމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން ހުއްޓުވުމެވެ. ރަށުގެ އާންމު ތަންތަނުގައި މިފަދަ މަސައްކަތްތައް ކުރުމުގެ ސަބަބުން އާންމު ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑަށް ލިބެމުންދާ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.