"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ހއ އަތޮޅުގެ ރަށްތަކަށް ފޮނުވައިފި

މުޙައްމަދު އަކުރަމް

“އިހަވަންދިއްޕޮޅު ރަސްތަރީގެ” ނަމުގައި، އިހަވަންދިއްޕޮޅަށް ހުޅުވައިލައިގެން ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ހއ އަތޮޅުގެ ހުރިހާރަށަކަށް ފޮނުވައިފިއެވެ. މިއަހަރުގެ ޑިސެންބަރު މަހުގެ 17 އިން 20 އަށް ކުރިޔަށް ގެންދާ މިމުބާރާތަކީ އިހަވަންދޫ ކައުންސިލާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކްލަބް ޕޯލްސްޓަރ އަދި އަންބަރީ ފައުންޑޭޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ.

ހއ އަތޮޅުގެ ރަށްތަކަށް މިމުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ފޮނުވީ، މިމުބާރާތަކީ އިހަވަންދިއްޕޮޅުގެ ރަށްތަކަށް ހުޅުވައިލައިގެން ބާއްވަން ނިންމި މުބާރާތަކަށްވިއަސް، މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު ބައިވެރިވެފައިވާ 4 ރަށުން ވާދަވެރި މުބާރާތެއްގެ ގޮތުގައި މުބާރާތް ކުރިޔަށް ގެންދެވޭނެ އަދަދަށް ބައިވެރިން ނުލިބޭނެކަމަށް ފެންނާތީއެވެ. މުބާރާތުގައި މިހާތަނަށް ބައިވެރިވެފައިވަނީ 4 ރަށަކުންނެވެ. އެއީ ތުރާކުނު، އުލިގަމް،މުޅަދޫ އަދި އިހަވަންދޫއެވެ.

މިމުބާރާތުގައި ކޮންމެ ރަށެއްވެސް ތަމްސީލްކުރެވޭނީ ވަކިއަދަދެއްގެ ބައިވެރިންނަށެވެ. އެހެންކަމުން އެރަށަކުން ބައިވެރިވާ ބައިވެރިން ކަނޑައަޅާނީ، އެރަށެއްގެ ކައުންސިލުން ބާއްވާ އޮޑިޝަނަކުންނެވެ. އިހަވަންދޫއިން މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފާރާތްތަކަށްބާއްވާ އޮޑިޝަން މިމަހުގެ 18 ގައި އޮންނާނެއެވެ.

މިމުބާރާތުގައި ބައިވެރިވާ ބައިވެރިން ވާންޖެހެނީ އެބައިވެރިޔަކު ތަމްސީލްކުރާ ރަށުގެ ރައްޔިތަކަށެވެ. މުބާރާތުގައި ބައިވެރިވާ އެހެން ރަށްތަކުގެ ބައިވެރިން އިހަވަންދޫއަށް އައުމުން އެފަރާތްތަކުގެ ހުރުމާއި ކެއުމުގެ އެންމެހާ އިންތިޒާމްތައް، މުބާރާތް އިންތިޒާމްކުރާ ފަރާތުން ހަމަޖައްސައިދެއެވެ. މިމުބާރާތުން އެއްވަނަ ރަށަކަށް 10000ރ ގެފައިސާގެ އިނާމެއް އަދި ދެވަނަ ރަށަށް 7000ރ ގެފައިސާގެ އިނާމެއް ހުށަހަޅައިފަވާއިރު މުބާރާތުން ތިންވަނައަށް އަންނަ ރަށަކަށް ހުށަހަޅާފައިވަނީ 5000ރ ގެ ފައިސާގެ އިނާމެކެވެ. މީގެއިތުރުން މުބާރާތުން އެއްވަނަ ބައިވެރިޔަކަށް 5000ރ، ދެވަނައަށް 3000ރ އަދި ތިންވަނައަށް ހޮވޭ ބައިވެރިޔާއަށް 2000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.