މާރަންދޫ ބަނދަރު ބޮޑުކުރުން ބަޖެޓްގައި ހިމަނައިފި

މުޙައްމަދު އަކުރަމް

ހއ މާރަންދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތަށް އަންނަ އަހަރުގެ ބަޖެޓްގައި 3.1 މިލިއަން ރުފިޔާ ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ފާސްކޮށްފި އެވެ. ބަޖެޓް ކޮމިޓީއިން ފާސްކޮށްފައިވާ ގޮތުގައި މިމަޝްރޫއުއަށް ޖުމްލަ 8.9 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

އެގޮތުން 2023 ވަނަ އަހަރު 3.1 މިލިއަން ރުފިޔާ، 2024 ވަނަ އަހަރު 3.5 މިލިއަން ރުފިޔާ އަދި 2025 ވަނަ އަހަރު 2.1 މިލިއަން ރުފިޔާ މިމަޝްރޫޢުއަށް ހަރަދުކުރަން ފާސްކޮށްފައިވެއެވެ.

1093 މީހުންގެ އާބާދީއެއް އޮންނަ މާރަންދޫގައި މިހާރު އޮންނަނީ 300 ފޫޓް ދިގު 160 ފޫޓް ފުޅާމިނުގެ ބަނދަރެކެވެ. އެބަނދަރަކީ 2008 ވަނަ އަހަރު މޯލްޑިވްސް ޓުރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ 9.4 މިލިއަން ރުފިޔާގެ އަގަކަށް ހަވާލުކޮށްގެން ތަރައްޤީކުރި ބަނދަރެކެވެ. އެމް.ޓީ.ސީ.ސީ އަށް ބަނދަރު ތަރައްޤީކޮށް ނިންމައިލެވުނީ 7 ޖެނުއަރީ 2009 ގައެވެ.