"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގެ އިހަވަންދޫ އޮޑިޝަން ކުރިޔަށް ގެންގޮސްފި

މުޙައްމަދު އަކުރަމް

“އިހަވަންދިއްޕޮޅު ރަސްތަރި” މުބާރަތުގައި އިހަވަންދޫ ތަމްސީލްކުރާ ބައިވެރިން ހޮވުމަށް ބާއްވާ އޮޑިޝަން މިއަދު ކުރިޔަށް ގެންގޮސްފިއެވެ. ވަފާ ޕްރީ ސްކޫލްގައި ކުރިޔަށްގެންދިޔަ މިއޮޑިޝަނުގައި 22 ކުދިން ކިޔަވަން ޖެހެއެވެ. އިހަވަންދޫއިން “އިހަވަންދިއްޕޮޅު ރަސްތަރި” މުބާރާތުގައި ބައިވެރިވުމަށް އެދިފައިވަނީ 29 ބައިވެރިންނެވެ. އޭގެތެރެއިން އޮޑިޝަން ކުރިޔަށް ގެންދިޔަ 22 ބައިވެރިންގެ ތެރެއިން މުބާރާތަށް ނަގާނީ 8 ބައިވެރިންނެވެ.

މިމުބާރާތުގައި ކޮންމެ ރަށެއްވެސް ތަމްސީލްކުރެވޭނީ ވަކިއަދަދެއްގެ ބައިވެރިންނަށެވެ. އެހެންކަމުން އެރަށަކުން ބައިވެރިވާ ބައިވެރިން ކަނޑައަޅާނީ، އެރަށެއްގެ ކައުންސިލުން ބާއްވާ އޮޑިޝަނަކުންނެވެ. ޑިސެންބަރު މަހުގެ 17 އިން 20 އަށް ކުރިޔަށް ގެންދާ މިމުބާރާތަކީ އިހަވަންދޫ ކައުންސިލާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކްލަބް ޕޯލްސްޓަރ އަދި އަންބަރީ ފައުންޑޭޝަން ގުޅިގެން ބާއްވާ މުބާރާތެކެވެ.

މިމުބާރާތުގައި ބައިވެރިވާ ބައިވެރިން ވާންޖެހެނީ އެބައިވެރިޔަކު ތަމްސީލްކުރާ ރަށުގެ ރައްޔިތަކަށެވެ. މުބާރާތުގައި ބައިވެރިވާ އެހެން ރަށްތަކުގެ ބައިވެރިން އިހަވަންދޫއަށް އައުމުން އެފަރާތްތަކުގެ ހުރުމާއި ކެއުމުގެ އެންމެހާ އިންތިޒާމްތައް، މުބާރާތް އިންތިޒާމްކުރާ ފަރާތުން ހަމަޖައްސައިދެއެވެ. މިމުބާރާތުން އެއްވަނަ ރަށަކަށް 10000ރ ގެފައިސާގެ އިނާމެއް އަދި ދެވަނަ ރަށަށް 7000ރ ގެފައިސާގެ އިނާމެއް ހުށަހަޅައިފަވާއިރު މުބާރާތުން ތިންވަނައަށް އަންނަ ރަށަކަށް ހުށަހަޅާފައިވަނީ 5000ރ ގެ ފައިސާގެ އިނާމެކެވެ. މީގެއިތުރުން މުބާރާތުން އެއްވަނަ ބައިވެރިޔަކަށް 5000ރ، ދެވަނައަށް 3000ރ އަދި ތިންވަނައަށް ހޮވޭ ބައިވެރިޔާއަށް 2000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.