އިޖްތިމާއީ ޕްރޮގްރާމްތައް ހިންގުމަށް ހއ އަތޮޅު ކައުންސިލުން ހިލޭ އެހީގެ ގޮތުގައި 7 ލައްކަ ރުފިޔާ ދެނީ

މުޙައްމަދު އަކުރަމް

ހއ. އަތޮޅުގެ ރަށްތަކުގެ ރަތްޔިތުންނަށް ފައިދާހުރި އިޖްތިމާއީ ޕްރޮގްރާމްތަކާއި ތަފާތު ޕްރޮޖެކްޓްތައް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ހއ. އަތޮޅުގެ 7 ރަށަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ނިންމައި އެކަން އިޢުލާންކޮށްފިއެވެ. މި ޕްރޮގްރާމްގެ ދަށުން ހޮވައިލެވޭ 7 ޕްރޮޕޯސަލްއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު ކޮންމެ ޕްރޮޕޯސަލްއަކަށްވެސް، އެއް ލައްކަ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 27 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހެއެވެ. ހުށަހަޅާ ފްރޮޕޯސަލަށް ބެލުމަށްފަހު އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ 7 ޕްރޮޕޯސަލްއަކަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިކަމަށް ޕްރޮޕޯސަލް ހުށަހެޅޭނީ ހއ. ރަށްތަކުގެ ރަށު ކައުންސިލްތަކާއި، ހއ. ރަށްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ހއ. ރަށްތަކުގެ މުއައްސަސާތަކުގެ އިތުރުން ހއ. އަތޮޅުގެ ރަށްރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކްލަބް ޖަމިއްޔާ ތަކަށެވެ.

23982 މީހުންގެ އާބާދީއެއް އޮންނަ ހއ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށް އޮވެއެވެ.