ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް – 2022” ގެ ނަމުގައި، ހއ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވެފައިވަނީ 6 ޓީމަކުން ކަމަށް ހއ. އަތޮލު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް ވިދާޅުވެއްޖެއެވެ. ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް، މިނޫހުންކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު ބައިވެރިވެފައިވާ 6 ޓީމަކީ އުތީމް، ތުރާކުނު، ދިއްދޫ، ބާރަށް، ފިއްލަދޫ އަދި އިހަވަންދޫއެވެ.
ހއ އަތޮޅުގެ ސަރުކާރު އޮފީސް ތަކަށާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒްކޮށްގެން ބާއްވާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެންބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. ޗެމްޕިއަން ޓީމަށް 15،000ރ، ރަނަރއަޕް ޓީމަށް 10،000ރ އަދި ފެއަރޕްލޭ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގެ ކުޅުން ކުރިޔަށް ދާނީ އުތީމް ފުޓްސަލް ދަނޑު ގައެވެ.
ހއ އަތޮޅުގެ މުވައްސަސާތަކުގައި ޙިދުމަތް ދެއްވާ މުވައްޒަފުންގެ އަގު ވަޒަންކޮށް، މުވައްސަސާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާއީ ގުޅުން ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވާ މިމުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ހުރިހާ ކުޅުންތެރިންނަކީވެސް އެރަށެއްގެ ސަރުކާރު ކުންފުންޏަކަށް ނުވަތަ މުއައްސަސާއަކަށް ނިސްބަތްވާ ފަރުދަކަށް ވާންޖެހެއެވެ. މިއީ ހއ އަތޮޅުގައި މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.