ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް – 2022” ގެ ނަމުގައި، ހއ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ބާއްވާ ފުޓްސަލްމުބާރާތް ފަސްކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކުރިން މިމަހުގެ 1 ގައި ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތް މިހާރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީމަހުގެ 20 ވާ ހުކުރު ދުވަހުއެވެ. މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން ޑިސެމްބަރ 08 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.
ޗެމްޕިއަން ޓީމަށް 15،000ރ، ރަނަރއަޕް ޓީމަށް 10،000ރ އަދި ފެއަރޕްލޭ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގެ ކުޅުން ކުރިޔަށް ދާނީ އުތީމް ފުޓްސަލް ދަނޑު ގައެވެ.
ހއ އަތޮޅުގެ މުވައްސަސާތަކުގައި ޙިދުމަތް ދެއްވާ މުވައްޒަފުންގެ އަގު ވަޒަންކޮށް، މުވައްސަސާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާއީ ގުޅުން ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވާ މިމުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ހުރިހާ ކުޅުންތެރިންނަކީވެސް އެރަށެއްގެ ސަރުކާރު ކުންފުންޏަކަށް ނުވަތަ މުއައްސަސާއަކަށް ނިސްބަތްވާ ފަރުދަކަށް ވާންޖެހެއެވެ. އެރަށެގެ ހިމެނޭ ހުރިހާ މުއައްސަސާއެއް އެއްކޮށްލައިގެންވެސް ޓީމްތައް ނެރެވޭއިރު އެރަށަކުން އެއްޓީމަށްވުރެ ގިނަ ޓީމް ބައިވެރިވާން ހުށަހަޅައިފިނަމަ، އެރަށެއް ތަމްސީލްކުރާނެ ޓީމެއް ކަނޑައަޅާނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ.
މިމުބާރާތުގައި ބައިވެރިވުމަށް ފުރަތަމަ ހުޅުވައިލި ފުރުސަތުގައި ބައިވެރިވެފައިވަނީ ހަ ޓީމެކެވެ. އެއީ އުތީމް، ތުރާކުނު، ދިއްދޫ، ބާރަށް، ފިއްލަދޫ އަދި އިހަވަންދޫއެވެ.