"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގައި 8 ރަށަކުން ވާދަކުރަނީ

މުޙައްމަދު އަކުރަމް

“އިހަވަންދިއްޕޮޅު ރަސްތަރީގެ” ނަމުގައި، އިހަވަންދޫ ކައުންސިލާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކްލަބް ޕޯލްސްޓަރ އަދި އަންބަރީ ފައުންޑޭޝަން ގުޅިގެން ބާއްވާ ޤުރުއާން މުބާރާތުގައި 8 ރަށަކުން ބައިވެރިވެއްޖެއެވެ. މިމުބާރާތުގައި ބައިވެރިވެފައިވަނީ އިހަވަންދޫ ކައުންސިލް، މޮޅަދޫ ކައުންސިލް، ކެލާ ކައުންސިލް، މާރަންދޫ ކައުންސިލް، އުތީމް ކައުންސިލް، ފިއްލަދޫ ކައުންސިލް، ވަށަފަރު ކައުންސިލް އަދި އުލިގަން ކައުންސިލުންނެވެ. މިމުބާރާތުގައި މި އަށް ރަށް ތަމްސީލް ކުރާނީ 69 ބައިވެރިއެކެވެ.

މިއީ އިހަވަންދިއްޕޮޅަށް ހުޅުވައިލައިގެން ބާއްވާ ޤުރުއާން މުބާރާތެއް ނަމަވެސް މުބާރާތުގެ ވާދަވެރިކަން އިތުރުކުރުމަށްޓަކައި، ހއ އަތޮޅުގެ އެހެން ރަށްތަކަށްވެސްވަނީ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ފޮނުވާފައެވެ.  މިމުބާރާތުގައި ކޮންމެ ރަށެއްވެސް ތަމްސީލްކުރެވޭނީ ވަކިއަދަދެއްގެ ބައިވެރިންނަށެވެ.

މުބާރާތުގައި ބައިވެރިވާ އެހެން ރަށްތަކުގެ ބައިވެރިން އިހަވަންދޫއަށް އައުމުން އެފަރާތްތަކުގެ ހުރުމާއި ކެއުމުގެ އެންމެހާ އިންތިޒާމްތައް، މުބާރާތް އިންތިޒާމްކުރާ ފަރާތުން ހަމަޖައްސައިދެއެވެ. މިމުބާރާތުން އެއްވަނަ ރަށަކަށް 10000ރ ގެފައިސާގެ އިނާމެއް އަދި ދެވަނަ ރަށަށް 7000ރ ގެފައިސާގެ އިނާމެއް ހުށަހަޅައިފަވާއިރު މުބާރާތުން ތިންވަނައަށް އަންނަ ރަށަކަށް ހުށަހަޅާފައިވަނީ 5000ރ ގެ ފައިސާގެ އިނާމެކެވެ. މީގެއިތުރުން މުބާރާތުން އެއްވަނަ ބައިވެރިޔަކަށް 5000ރ، ދެވަނައަށް 3000ރ އަދި ތިންވަނައަށް ހޮވޭ ބައިވެރިޔާއަށް 2000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިމުބާރާތް ކުރިޔަށް ދާނީ މިމަހުގެ 17 އިން 20 އަށެވެ.

ޚިޔާލު ފައުޅުކުރުން

މޫސުން އެހާ ގޯސްއިރު ލަސްކޮށްލަން ނުފެނޭތޯ؟