އުތުރުގެ ރަށްތަކުގެ ވައި، ސިއްހަތަށް ނުރައްކާވާވަރަށް ތަޣައްޔަރުވެއްޖެ

މުޙައްމަދު އަކުރަމް

އުތުރު އިންޑިއާގެ ހިމާލަޔަން ސަރަހައްދުގައި ވައި ތަޣައްޔަރުވުމުގެ އަސަރު ރާއްޖެއަށް ވެސް ކޮށް، ރާއްޖޭގެ އުތުރުގެ ހިސާބުތަކުގައި ހޭޒް ނުވަތަ ފުސްކަން އިތުރުވެ، ވައި ތަޣައްޔަރުވެއްޖެ އެވެ. އެގޮތުން މިއަދު ކުޅުދުއްފުށީ ސަރަހައްދުގެ ވައިގެ ކޮލިޓީހުރީ 175 ޔުނިޓްގައެވެ. މިއީ ދުނިޔޭގެ ވައިގެ ސާފުމިން ވަޒަންކުރާ “އައި.ކިއު އެއަރ”އިން ވައިގެ ސާފުކަން ބަލާ މިންގަނޑުން ސިއްހަތަށް އަސަރުކުރާނެކަމަށްބުނާ ދަރަޖައެކެވެ. ވައިގެ ނުސާފުކަން 151 އާއި 200 ޔުނިޓާއި ދެމެދު ހުންނައިރު، އާންމުކޮށް އެންމެނަށް ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަސަރުކުރުމާއި ބަލި ގޯސްވުމުގެ ފުރުސަތު ބޮޑުކަމަށް އެޗްޕީއޭއިން ބުނެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ ރާއްޖެ ސަރަޙައްދުގައި ވައި ނުސާފުވެފައިވަނީ، ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާތީ ހިމާލަޔަން ސަރަޙައްދުގެ ހިރަފުހާ ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާއި ހަމައަށް ފޯރަމުންދާތީކަމަށެވެ. މީގެ އަސަރު ބޮޑަށް ކުރަމުންދަނީ އުތުރަށާއި މެދުތެރޭގެ އަތޮޅުތަކަށް ކަމަށް މެޓް އޮފީހުން ބުނެއެވެ.

ވައި ނުސާފުވުމުގެ ސަބަބުން، ދުރު ފެންނަ މިންވަރު ވަނީ ދަށްވެފައެވެ. އެގޮތުން ކައިރި ރަށްރަށާއި ދިގު މަގުތަކަށް ބެލުމުން މިކަން ފެނެއެވެ.

ވައި ތަގައްޔަރުވުމުގެ އަސަރު ރާއްޖެއަށްކޮށް އޭގެ ސަބަބުން ނުރައްކާތެރިކަން ކުރިމަތިވާތީވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވަނީ އިލްތިމާސް ކޮށްފައެވެ. އެޗްޕީއޭއިން އެދިފައިވަނީ، ވައި ސާފުކަމުގެ މިންވަރު ބެލުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް ޓެކްނޮލޮޖީގެ ލިންކް އިން https://www.iqair.com/maldives   ނުވަތަ IQAir Visual އެޕް ބޭނުންކޮށްގެން ވައި ނުސާފު މިންވަރު ބެލުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށެވެ.

ވައި ނުސާފުވާނެ މިންވަރާއި ސިއްހީ ލަފާ:

  • ރަނގަޅު މިންވަރެއް 0-50: ވައިގެ ކޮލިޓީ ރަނގަޅު މިންވަރެއްގައި، ނުރައްކާ ކުޑަ ނުވަތަ ނުރައްކަލެއް ނެތް
  • މެދު މިނުގެ މިންވަރެއް 51-100: ނޭވާލާ ނިޒާމުގެ އަލާމާތްތައް ފެނުން އެކަށީގެންވާތީ ނާޒުކު ހާލަތުގައިވާ ފަރާތްތަކުން ބޭރުގައި އުޅުމުނުން ދުރުހެލިވުން
  • ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރަނގަޅު މިންވަރެއް 101-150: އާންމުކޮށް އެންމެނަށް އަދި ހާއްސަކޮށް ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް އުނދަގޫތަކާ ކުރިމަތިވުމާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވުމުގެ ނުރައްކާ އޮންނާނެ
  • ސިއްހަތަށް ނުރަނގަޅު 151-200: އާންމުކޮށް އެންމެނަށް ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަސަރުކުރުމާއި ބަލި ގޯސްވުމުގެ ފުރުސަތު ބޮޑު
  • ވަރަށް ސިއްހަތަށް ނުރަނގަޅު 201-300: އާންމުކޮށް އެންމެނަށް އެކަމުގެ އަސަރު ފާހަގަކުރެވޭނެ. ނާޒުކު ފަރާތްތަކުން ބޭރުގައި އުޅުން ހުއްޓާލަން ޖެހޭ
  • ނުރައްކާތެރި 300+: އާންމުކޮށް އެންމެނަށް ވަރަށް ބޮޑަށް އުނދަގޫވުމާއި ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމުގެ ނުރައްކާ ބޮޑު. ބޭރުގައި ހަރަކާތްތެރިވުމުން ދުރުހެލިވާންޖެހޭ

 

ވައި ނުސާފު ވަގުތުގައި ސަމާލުކަންދޭންވީ ކަންކަން:

  • – ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން
  • – ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކް އެޅުން
  • – ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުން
  • – ތުއްތު ކުދިން ބޭރަށް ނުނެރުން
  • – ގޭގެ ދޮރުތައް ލައްޕާފައި ބެހެެއްޓުން
  • – ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލުން