ނުވަ ޓީމާއިއެކު ކައުންސިލްގެ މަސް ރޭސް މިއަދު އޮންނާނެ

މުޙައްމަދު އަކުރަމް

މަސްވެރިންގެ ދުވަހުގެ މުނާސަބާތުގައި އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތައް އަދި ކުލަބު ޖަމިއްޔާތަކަށް ހުޅުވާލެވިގެން އިހަވަންދޫ ކައުންސިލުން ބާއްވާ، އޮމެގަރ މަސްރޭހުގައި 9 ޓީމެއް ބައިވެރިވެއްޖެއެވެ.

މިއަދު ހަވީރު 16:00 ގައި ފަށަން ހަމަޖެހިފައިވާ މި މަސް ރޭހުގައި ބައިވެރިވެފައިވަނީ އިހަވަންދޫ ކައުންސިލް، އިހަވަންދޫ މެޖިސްޓްރޭޓް ކޯޓް، އިހަވަންދޫ ޕޮލިސް ސްޓޭޝަން، އިހަވަންދޫ ސްކޫލް، އާމިނާދިޔޯ ސިއްޙީމަރުކަޒު، ފެނަކަ، ޕޯލްސްޓަރ، ހިޔާ ފައުންޑޭޝަން އަދި މަސްވެރި އިހަވަންދޫއެވެ. އެއްވަނަ ޓީމަށް 5000ރ އަދި ދެވަނަ ޓީމަށް 2000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމަސްރޭހުގައި އެންމެ ގިނަ މަސްބާނާ ފަރާތަކަށް އަދި އެންމެ ބަރު މަސްބާނާ ފަރާތަށްވެސް 500ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

މިދިޔަ އަހަރު އިހަވަންދޫ ކައުންސިލުން ބޭއްވި މަސްރޭސް 59.70 ކިލޯގެ މަސް ބާނައިގެން އެއްވަނަ ހޯދީ އިހަވަންދޫ ކައުންސިލްގެ ޓީމެވެ. އެންމެ ބަރުމަސް ބާނާފައި ވަނީ އިހަވަންދޫ މެޖިސްޓުރޭޓު ކޯޓު ޓީމުގެ، އަޙްމަދު ރަޝީދު އެވެ. އޭނާ ވަނީ 32.40 ކިލޯގެ މުޑަހަންޖެއް ބާނާފައެވެ. ގެންމެ ގިނަމަސް ބާނާފައިވަނީ އިހަވަންދޫ ޕޮލިސް ޓޭޝަން ޓީމުގެ އަޙުމަދު ނިޒާމް އެވެ. އޭނާ 23 މަސް ބޭނިއެވެ.