"އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތު ބައިވެރިން މިއަދު އިހަވަންދޫއަށް އަންނާނެ

މުޙައްމަދު އަކުރަމް

“އިހަވަންދިއްޕޮޅު ރަސްތަރީގެ” ނަމުގައި، އިހަވަންދޫ ކައުންސިލާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކްލަބް ޕޯލްސްޓަރ އަދި އަންބަރީ ފައުންޑޭޝަން ގުޅިގެން ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވެފައިވާ އެހެން ރަށްތަކުގެ ބައިވެރިން މިއަދު އިހަވަންދޫއަށް އަންނާނެއެވެ.

މިމުބާރާތުގައި އިހަވަންދޫއާއި އެކު ޖުމްލަ 8 ރަށަކުންވަނީ ބައިވެރިވެފައެވެ. މިމުބާރާތުގައި ބައިވެރިވެފައިވަނީ އިހަވަންދޫ ކައުންސިލް، މޮޅަދޫ ކައުންސިލް، ކެލާ ކައުންސިލް، މާރަންދޫ ކައުންސިލް، އުތީމް ކައުންސިލް، ފިއްލަދޫ ކައުންސިލް، ވަށަފަރު ކައުންސިލް އަދި އުލިގަން ކައުންސިލުންނެވެ. މިމުބާރާތުގައި މި އަށް ރަށް ތަމްސީލް ކުރާނީ 63 ބައިވެރިއެކެވެ.

މިމުބާރާތުގެ ފަނޑިޔާރުން މިއަދު 14:00 ގައި އިހަވަންދޫއަށް އައުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ބައިވެރިން އިހަވަންދޫއަށް އައުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 15:00 އާއި 18:00 އާއި ދެމެދުއެވެ. އިހަވަންދޫ ސްކޫލްގައި ކުރިޔަށްދާ މިމުބާރާތުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެންދުނު 8:00 ގައެވެ. މިމުބާރާތުގެ ކިޔެވުނުން މިނޫހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުން ލައިންވް ކުރާނެއެވެ.

މުބާރާތުގައި ބައިވެރިވާ އެހެން ރަށްތަކުގެ ބައިވެރިން އިހަވަންދޫއަށް އައުމުން އެފަރާތްތަކުގެ ހުރުމާއި ކެއުމުގެ އެންމެހާ އިންތިޒާމްތައް، މުބާރާތް އިންތިޒާމްކުރާ ފަރާތުން ހަމަޖައްސައިދެއެވެ. މިމުބާރާތުން އެއްވަނަ ރަށަކަށް 10000ރ ގެފައިސާގެ އިނާމެއް އަދި ދެވަނަ ރަށަށް 7000ރ ގެފައިސާގެ އިނާމެއް ހުށަހަޅައިފަވާއިރު މުބާރާތުން ތިންވަނައަށް އަންނަ ރަށަކަށް ހުށަހަޅާފައިވަނީ 5000ރ ގެ ފައިސާގެ އިނާމެކެވެ. މީގެއިތުރުން މުބާރާތުން އެއްވަނަ ބައިވެރިޔަކަށް 5000ރ، ދެވަނައަށް 3000ރ އަދި ތިންވަނައަށް ހޮވޭ ބައިވެރިޔާއަށް 2000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިމުބާރާތް ކުރިޔަށް ދާނީ މިމަހުގެ 17 އިން 20 އަށެވެ.