Banner Image Description

އިހަވަންކަޕަށް އަޑުބަރޭ ގެނެސް އެންވީކޭ ހިލަކޮށްފި

މުޙައްމަދު އަކުރަމް

ހއ އަދި ހދ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުލަބު ޕޯލްސްޓަރއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އިހަވަން ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ރައުންޑް މިހިނގާ ޑިސެމްބަރ މަހުގެ 23 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާއިރު، ޤައުމީޓީމަށް ކުޅުނު ޕްލޭމޭކަރ އައްސަދު އަލީ (އަޑުބަރޭ) އެންވީކޭ ޓީމަށް ގެނެސް ޓީމް ވަރުގަދަ ކޮށްފިއެވެ.
އަޑުބަރޭ އެންވީކޭ ޓީމާއި ގުޅެން އިހަވަންދޫ އަށް އައީ މިއަދު ހަވީރުއެވެ. އަޑުބަރޭއަކީ އެންވީކޭ އަށް އައު ކުޅުންތެރިއެއްނޫނެވެ. މީގެ ދިހަ އަހަރުކުރިން 2012 ވަނަ އަހަރުގެ މައިކަޕް އެންވީކޭ އަށް ކާމިޔާބު ކޮށްދިނުމުގައި އަޑުބަރޭގެ ހިއްސާ ވަރަށްބޮޑެވެ. އެފަހަރުގެ ފައިނަލް މެޗްގައި އިރުވެލި ފުޓުބޯޅަ ޓީމުގެ މައްޗަށް އެންވީކޭ 0-3 އިން ކުރި ހޯދިއިރު އެޓީމުގެ 3 ލަނޑުވެސް ޖެހީ އަޑުބަރޭއެވެ. އެކަން ފާހަގަކޮށް އެންވީކޭ އިން ބުނެފައިވަނީ އަޑުބަރޭ އަނބުރާ އައީ މަޒީ އިއާދަކުރަން ކަމުގައެވެ.


އަޑުބަރޭގެ އިތުރުންވެސް އެންވީކޭއާވަނީ މުހިއްމު ކުޅުންތެރިންތަކެއް ގުޅިފައެވެ. އެގޮތުން މަދީހް، މޫސާ އިމްރާންގެ އިތުރުން މުނީޒްވެސް އިހަވަން ކަޕްގައި ކުޅޭނީ އެންވީކޭއަށެވެ. މީގެ ތެރެއިން މަދީހް އަކީ ނިމިދިޔަ އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓްގެ ކިންގް އޮފް ޓޯނަމެންޓެވެ. މީގެ އިތުރުން މިމަހުގެ 22 ވަނަ ދުވަހު، ޤައުމީ ޓީމްގެ އިތުރު ކުޅުންތެރިޔަކު އެންވީކޭއާ ގުޅޭނެކަމަށް އެޓީމުން މައުލޫމާތު ދެއެވެ. އިހަވަން ކަޕްގެ ދެވަނަ ރައުންޑް އާއި ހަމަޔަށް ދަތުރުކުރި އިހަވަންދޫ އަށް ނިސްބަތްވާ ހަމައެކަނި ޓީމަކީ އެންވީކޭއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ކުރިޔަށްގެންދިޔަ މިމުބާރާތުގެ ފުރަތަމަ ރައުންޑް ނިމިފައިވަނިކޮށް މުބާރާތް މެދުކަނޑައިލީ ކޮވިޑް އައުޓް ބްރޭކެއް އިހަވަންދޫގައި ފެތުރުމާއި ގުޅިގެންނެވެ.
މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ މުބާރާތުގައި ބައިވެރިވި 11 ޓީމް، ޖުމްލަ 3 ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމް ދެވަނަ ބުރަށް ވަނީ ދަތުރު ކޮށްފައެވެ. ދެވަނަ ބުރު ދެ ގްރޫޕަށް ބަހާލައިގެން ކުޅުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.


މިމުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފައިވަނީ ހޯރަފުށީ ކޮމިއުނިޓީ ސެންޓަރ، ދިއްދޫ އެޗްއެން ސްޕޯރޓްސް، މާރަންދޫ ބަނޑޭރި ސްޓަރ، މާރަންދޫ ޔޫތް ސޮސައިޓީ، ނޮޅިވަރަމް ކައުންސިލްގެ ރެކްރިއޭޝަން ކްލަބް އަދި އިހަވަންދޫއަށް ނިސްބަތްވާ އެންވީކޭއެވެ. އިހަވަން ކަޕްގެ ފުރަތަމަ މުބާރާތް ބާއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތް ކާމިޔާބުކުރީ ހދ. ނޮޅިވަރަމްގެ ޓީމެއް ކަމަށްވާ ކުލަބު ޕެނީއެވެ.
މިފަހަރުގެ އިހަވަން ކަޕްގައި ޖުމްލަ 11 ޓީމެއް ބައިވެރިވިއެވެ. އެއީ ހއ. މުރައިދޫ ފުޓްބޯޅަ ޓީމް، ނޮޅިވަރަމް ކައުންސިލް، މާރަންދޫ ބަނޑޭރި ސްޕޯރޓްސް، މާރަންދޫ ޔޫތް ސްޕޯރޓްސް، ދިއްދޫ އެޗްއެން ސްޕޯރޓްސް، ހޯރަފުށި، ސެންސިޓީ، ސެންސިޓީ ޖޫނިއާރސް، ކުޅިމަގު، އަރާދުވާ އަދި އެންވީކޭއެވެ.