Banner Image Description

އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫ ރައްޔިތުން ޔާމިނަކީ ވަގެއްކަމަށް ޤަބޫލުކުރޭ – ޝިފާއު

މުޙައްމަދު އަކުރަމް

އިހަވަންދޫ، މާރަންދޫ އަދި މޮޅަދޫގެ ރައްޔިތުން ކުރީގެ ރައީސް ޔާމީން އަކީ ވަގެއްކަމަށް ޤަބޫލުކުރާކަމަށް އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ. ޝިފާއު ވިދާޅުވީ، ޔާމީން މިނިވަންކުރަން ގޮވާލައި، މިއަދު މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގާލުމެއް ބޭއްވިއިރު އެރަށްތަކުގެ ރައްޔިތުން މުޒާހަރާކުރަން ނުނުކުތީ އެހެންވެ ކަމުގައެވެ.

ޝިފާއު މިހެން ވިދާޅުވިނަމަވެސް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިހަވަންދޫ ޕީޕީއެމް އޮފީސްކުރިމަތީ މައަދު ހަވީރުވަނީ އެއްވުމެއް ބާއްވާފައެވެ. ކުޑަ ވަގުތުކޮޅަކަށް ކުރިޔަށްގެންދިޔަ މިއެއްވުމުގައި ވިއްސަކަށްމީހުން ބައިވެރިވިއެވެ. ރައީސް ޔާމީން ޖަލައްލުމާއި ގުޅިގެން ޕީޕީއެމް އިހަވަންދޫ ދާއިރާއިން ބަޔާނެއް ނެރެފައިވާއިރު އިހަވަންދޫ ކައުންސިލުންވެސްވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އިހަވަންދޫ ރައްޔިތުންގެ ނަމުގައި ބަޔާނެއް ނެރެފައެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ވެސް ދީފައިވާ ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. އެ ދައުވާތައް ސާބިތުވުމުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކުރިއެވެ. އެ ހުކުމް ބަލައިނުގަނަން ނިންމައި، ޔާމީންގެ ވަކީލުން ވަނީ ހައިކޯޓުގައި ހުކުމް އިސްތިއުނާފުކުރާނެ ކަމަށް ވިދާޅުވެފައެވެ.