ބޮޑުމަގު ކޮޅަށް 13 ލަނޑު ޖަހާ ޖަންގަލްގެ ފެންވަރު ދައްކާލާފި

.

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާ އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ގުޅިގެން ކުރިޔަށް ގެންދާ، ބުލްބުލް ތެރަޕީ ސެންޓަރ އިމަގު ޣާޒީ ކަޕް 2023 ގެ ފުރަތަމަ ބުރުގެ ދެވަނަ މެޗުގައި ބޮޑުމަގު އެފްސީ ކޮޅަށް 13 ލަނޑުޖަހައި ޖަންގަލް ޓީމުން އެ ޓީމްގެ ފެންވަރު ދައްކާލައިފިއެވެ. މިއަދު ހެނދުނު ކުޅުނު މެޗް ޖަންގަލް ޓީމް ކާމިޔާބުކޮށްފައިވަނީ 13-1 ލަނޑުންނެވެ.

ޖަންގަލް ޓީމުން މުޅިމެޗްހެން ޑޮމިނޭޓްކޮށްގެން ކުޅުނު މިމެޗްގެ ފުރަތަމަ ހާފްނިމުނީ 3-0 ން ޖަންގަލް ކުރީގައި އޮވެގެންނެވެ. ނަމަވެސް ފަހުހާފްގައި އެޓީމުން ވަނީ ބޮޑުމަގު އެފްސީ ކޮޅަށް އިތުރު 10 ލަނޑުޖަހައިފައެވެ. މި މެޗްގެ ފަހު ހާފްގައި ބަދަލުކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި އަބްދުﷲ އިހްވާން (ޑުންގާ) އަދި އަލީ ނާއިސް މިއިން ކޮންމެ ކުޅުންތެރިއަކު 3 ލަނޑުޖަހާ ހެޓްރިކް ހަދާފައިވާ އިރު ހަމްޒާ މުޙައްމަދު  (ހަމްޕް) އަދި އަލީ ވަނީ ކޮންމެ ކުޅުންތެރިއަކު 2 ލަނޑު ޖަހާފައެވެ. އަދި މީގެ އިތުރުން އެޓީމްގެ އަޙްމަދު މުނީޒް (ޓޯނީ) އާއި މުހައްމަދު ޝާނިއު، އަދި މުޙައްމަދު އާދަމް (މޮޑްރިޗް) މިއިން ކޮންމެ ކުޅުންތެރިއަކު 1 ލަނޑު ޖަހާފައި ވެއެވެ. މި މެޗްގައި މީގެ އިތުރުންވެސް ޖަންގަލް ޓީމަށް ލަނޑު ޖަހާނޭ ގިނަ ފުރުސަތު ތަކެއް ލިބި ބޭކާރުވެގެން ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ. ބޮޑުމަގު ޓީމުން ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ ފަހު ހާފްގައި އެޓީމުން ކުޅެން ނިކުތް އަލީ ނިޔާޒް (މެސީ) އެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖަންގަލް ޓީމްގެ ޖާޒީ ނަމްބަރު 10 ހަމްޒާ މުހައްމަދު (ހަމްޕް) އެވެ.

އިއްޔެވެސް މި މުބާރާތުގެ މެޗެއް ކުޅެފައި ވެއެވެ. އެ މެޗްގައި ބައްދަލުކުރީ ސެންސިޓީ އަދި ކުޅިމެގެވެ. މި މެޗް 3-0 ން ކާމިޔާބު ކުރީ ކުޅިމަގު ޓީމެވެ. ސެންސިޓީ ޓީމަށް މާ އެކަށީގެންވާ ކުޅުމެއް ދެއްކިފައި ނުވާ މި މެޗްގައި ކުޅިމަގު ޓީމްގެ ލަނޑުތައް ޖަހައިދިނީ އެޓީމްގެ ސާލިމް މުހައްމަދު (ލިމޭ) ،އަދި ލިބުނު ޕެނަލްޓީއަކުން އެޓީމްގެ 2 ވަނަ ލަނޑު އަހްމަދު ޝަމްވީލް (ބޮންޑާ) ކާމިޔާބުކޮށްދީފައިވާއިރު އެޓީމްގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ މުޅި މެޗްގައިވެސް މޮޅުކުޅުމެއް ދެއްކި ލިމޭ ތަނަވަސްކޮށްދިން ފުރުސަތަކުން މުހައްމަދު ނަޝީދު (ފޯވާޑް) އެވެ. މި މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އެޓީމްގެ ޖާޒީ ނަމްބަރު 14 ސާލިމް މުހައްމަދު (ލިމޭ) އެވެ.

މިއަދު ހަވީރުވެސް މި މުބާރާތުގެ މެޗެއް އޮންނާނެއެވެ. ބައްދަލުކުރާނީ ސެންސިޓީ އަދި ފިއުޗަރ އެފް ސީ އެވެ.