ފަހަތުންއަރާ އެންވީކޭއިން ސެންސިޓީ ބަލިކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާ އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިޔަށް ގެންދާ، ބުލްބުލް ތެރަޕީ ސެންޓަރ އިމަގު ޣާޒީ ކަޕް 2023 ގެ ދެވަނަ ބުރުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ސެންސީޓީ އާއި އެންވީކޭ ބައްދަލުކުރި މެޗް، ފަހަތުންއަރާ އެންވީކޭއިން ސެންސިޓީ ބަލިކޮށްފިއެވެ.

މެޗްގެ ފުރަތަމަ ގޯލް ފެނިގެންދިޔައީ މެޗްގެ ފުރަތަމަ ހާފްގެ 4 ވަނަ މިނެޓްގައެވެ. މިގޯލް ސެންސިޓީއަށް ކާމިޔާބް ކޮށްދިނީ މުޅި މެޗްގައިވެސް މޮޅު ކުޅުމެއްދެއްކި އައިސަމްއެވެ. މެޗްގެ ފުރަތަމަ ހާފް ސެންސިޓީ 1-0 ގެ ލީޑަކާއި އެކު ނިންމާލިޔަސް، ފަހު ހާފުގައި އެންވީކޭ ވަނީ 3 ގޯލް ޖަހައި މެޗުން 3 ޕޮއިންޓް ކަށަވަރުކޮށްފައެވެ. އެޓީމަށް ގޯލްތައް ޖަހައިދިނީ ޔާމީން، މަދީހް އަދި އިޝާން (ސައްޓު) އެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަށްވެސް ހޮވުނީ އެންވީކޭގެ އިޝާން އިބްރާހިމް (ސައްޓު) އެވެ.

މާދަމާ ހަވީރުވެސް މިމުބާރާތުގެ މެޗެއް ކުޅޭނެއެވެ. އެމެޗްގައި ޖަންގަލް ނުކުންނާނީ ކުޅިމަގާ ދެކޮޅަށެވެ. މިމުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ސެންސީޓީ، އެންވީކޭ، ޖަންގަލް އަދި ކުޅިމަގެވެ. ދެވަނަ ބުރަށް ދަތުރުކުރި ހަތަރުޓީމްގެ މެދުގައި ޕޮއިންޓް އުސޫލުން މެޗްތައްކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ދަތުރުކުރާއިރު، ދެވަނަ އަދި ތިންވަނައަށްދާ ދެ ޓީމްގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅޭނެއެވެ. ޝެޑިއުލާއި އެއްގޮތަށް ކުރިޔަށްދާނަމަ މިމުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 15ވާ އާދިއްތަ ދުވަހުގެ ހަވީރުއެވެ.