ގިނަ ހަމަލާތަކެއް އުފެއްދި ކުޅިމަގު ބަލިކޮށް ޖަންގަލްއަށް ހަމަޖެހުމުގެ ނޭވާއެއް

މުޙައްމަދު އަކުރަމް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާ އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިޔަށް ގެންދާ، ބުލްބުލް ތެރަޕީ ސެންޓަރ އިމަގު ޣާޒީ ކަޕް 2023 ގެ ދެވަނަ ބުރުގެ ދެވަނަ މެޗްގައި މިއަދު ޖަންގަލް އިން ކުޅިމަގުގެ މައްޗަށް ކުރި ހޯދައިފިއެވެ. ޖަންގަލް މިމެޗުން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

ކުޅިމަގު ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. ދެވަނަ ހާފްގެ ފުރަތަމަ މިނެޓްގައި ޖަންގަލް ޓީމްގެ ހަމްޒާ ވަނީ މެޗްގެ ފުރަތަމަ ގޯލް ޖަހާ ޖަންގަލްއަށް ލީޑް ނަގާދީފައެވެ. ކުޅިމަގަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފަހު ހާފްގެ 12 ވަނަ މިނެޓްގައި އެޓީމްގެ ލިމޭ އެވެ. މިމެޗުން ޖަންގަލް މޮޅުކޮށްދިން ގޯލް ޖެހީ މެޗްގެ ފަހު ހާފްގެ 16 ވަނަ މިނެޓްގައި ޖަންގަލް ޓީމްގެ ޝާނިއުއެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޖަންގަލް ޓީމްގެ ހަމްޒާއެވެ.

މާދަމާ ހަވީރުވެސް މިމުބާރާތުގެ މެޗެއް ކުޅޭނެއެވެ. އެމެޗްގައި ޖަންގަލް ނުކުންނާނީ ސެންސިޓީއާ ދެކޮޅަށެވެ. ދެވަނަ ބުރުގައި ސެންސިޓީ ކުޅުނު ފުރަތަމަ މެޗުންވަނީ އެންވީކޭއާ ބައްދަލުކޮށް ބަލިވެފައެވެ. އެހެން ކަމުން މިމުބާރާތުގައި ކުރިޔަށް ދިޔުމަށް މާދަމާގެ މެޗުން ރަނގަޅު ނަތީޖާއެއް ނެރުން މުހިއްމެވެ.

މިމުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ ސެންސީޓީ، އެންވީކޭ، ޖަންގަލް އަދި ކުޅިމަގެވެ. ދެވަނަ ބުރަށް ދަތުރުކުރި ހަތަރުޓީމްގެ މެދުގައި ޕޮއިންޓް އުސޫލުން މެޗްތައްކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ދަތުރުކުރާއިރު، ދެވަނަ އަދި ތިންވަނައަށްދާ ދެ ޓީމްގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅޭނެއެވެ. ޝެޑިއުލާއި އެއްގޮތަށް ކުރިޔަށްދާނަމަ މިމުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 15ވާ އާދިއްތަ ދުވަހުގެ ހަވީރުއެވެ.