މާފިނޮޅުގައި އަޅާ އެއާޕޯޓަށް ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

މުޙައްމަދު އަކުރަމް

މާފިނޮޅުގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ. އެމްޓީސީސީއާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 64 މިލިއަން ރުފިޔާގެ އަގަކަށެވެ.

އެމްޓީސީސީއާއި މާފިނޮޅުގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށް އެއްބަސްވުމުގައި ސޮއެކުރީ މިއަދު ޓޫރިޒަމް މިނިސްޓްރީގައި ކުރިޔަށްދިޔަ ކުޑަ ރަސްމިއްޔާތެއްގައެވެ. އެމްޓީސީސީއިން ހާމަކޮށްފައިވާގޮތުގައި، މާފިނޮޅުގައި އަޅާ އެއާޕޯޓް މަޝްރޫއުއަށް 16 ހެކްޓަރުގެ ބިން ހިއްކަންޖެހެއެވެ. އަދި އެމަސައްކަތަށް 203 ދުވަސް ހޭދަވާނެއެވެ. އެމްޓީސީސީއާއި މާފިނޮޅުގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާނަމަވެސް، އެއާޕޯޓް ތަރައްޤީކުރުމަށް އަދި ބަޔަކާއި ހަވާލުކޮށްފައެއް ނުވެއެވެ.

މާފިނޮޅުގައި އަޅާ އެއާޕޯޓަށް ބޭޏުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާއި މިއަދު ހަވާލުކުރިނަމަވެސް، ބިންހިއްކުމުގެ ސަބަބުން ތިމާވެށީގެ ގޮތުން ކުރިމަތިވެދާނެ ބަދަލުތައް ބަލަން ހަދާ އީއައިއޭ އަދި ހަދާފައެއްނުވެއެވެ. ނަމަވެސް އެ އެސެސްމެންޓް ހެދުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ކުރިޔަށްދާކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާފިނޮޅުގައި ތަރައްޤީކުރާ އެއަރ ޕޯޓްގައި އަޅަނީ 1.2 ކިލޯމީޓަރުގެ ރަންވޭއެކެވެ. އެއީ ޑޮމެސްޓިކް އުދުހުންތަކުގައި ބޭނުންކުރާ ސައިޒްގެ ރަންވޭއެކެވެ. ހއ. މާފިނޮޅަކީ ހުވަރަފުޓާއި އެއްފަޅަކުން ގުޅިފައިވާ ރަށްތަކުގެ ހާރުގައި ހިމެނޭ ފަޅުރަށެކެވެ.  ހޯރަފުށި ކައިރީގައި ތަރައްޤީކުރާ އެއާޕޯޓް ކުރިން ތަރައްޤީކުރުމަށް މަސައްކަތްކުރީ ހއ ހުވަހަންދޫގައެވެ. އެގޮތުން 2014 ވަނައަހަރު ހުވަހަންދޫގައި އެއާޕޯޓެއް ތަރައްޤީކުރާނެ ބަޔަކު ހޯދުމަށް ހުޅުވައިލިއެވެ.

2016 ވަނައަހަރު ހޯރަފުށީ ނަރުދަމާގެ ޚިދުމަތް އިފްތިތާހް ކޮށްދެއްވުމުގެ ގޮތުން އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެފައިވަނީ ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބްގެ ކުރިން ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގައި ޤާއިމްކުރާ އެއަރޕޯޓްތަކުގެ މަސައްކަތް ނިމި އެއަރޕޯޓުތަކަށް މަތިންދާބޯޓްތައް ޖައްސާނެކަމަށެވެ.